ޚަބަރު

މުލީ އެއަރޕޯޓް : އިޤްތިޞާދީ ތަރައްޤީއަށް އޮތް ހުރަސްތައް ނައްތާލާނެ


މުލަކަތޮޅަކީ އާބާދީގެ ގޮތުން ބަލާނަމަ ނިސްބަތުން ކުޑަ އާބާދީއެއް އޮންނަ، އަދި މީހުން ދިރިއުޅޭ ރަށްތައްވެސް މަދު އަތޮޅެކެވެ. އެގޮތުން މީހުން ދިރިއުޅޭ 8 ރަށް މުލަކަތޮޅުގައި އޮންނައިރު އާބާދީއަކީ 7400އެވެ. މުޅި އަތޮޅުވެސް ފާހަގަވަނީ އިޤްތިޞާދީ ފުރުޞަތުތައް މަދު އަތޮޅެއްގެ ގޮތުގައެވެ. މުލަކު އަތޮޅުގައި މިވަގުތު އޮތީ ހިނގަމުންދާ އެންމެ ދެ ރިސޯޓެވެ. ފަޅު ރަށްތައް ގިނަ މުލަކަތޮޅުން ވިޔަފާރިއަށް އިތުރު 13 ރަށެއް ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.

ރަށުގައި އާއިލާ ކައިރީގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތްތައް ހޯދުމަށް، އަތޮޅުގެ ބައެއް ފަރާތްތަކުން ދަނީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. މުލަކަތޮޅުގައި ރަށު ފަތުރުވެރިކަމުގެ ވިޔަފާރި އަދި އޮތީ ޅަފަތުގައެވެ. މުޅި އަތޮޅުގައި މިވަގުތު ހިންގަމުން އަންނަނީ 5 ގެސްޓްހައުސްއެވެ. އެއީ މުލަކުގައި 2 ގެސްޓްހައުސްއާއި މުލި، މަޑުއްވަރީ އަދި ވޭވަށުގައި ކޮންމެ ރަށެއްގައި ގެސްޓްހައުސްއެކެވެ. މިއީ ރާއްޖޭގެ އެހެން އަތޮޅުތަކަށް ބަލާއިރު ނިސްބަތުން ވަރަށް މަދު އަދަދެކެވެ.

މުލަކަތޮޅުގެ ރައްޔިތުން ދެކޭގޮތުގައި ފަތުރުވެރިކަމުގެ ވިޔަފާރިއާއި އެހެނިހެން ވިޔަފާރީގެ ފުރުޞަތުތަކާއެކުވެސް، އަތޮޅަށް އިޤްތިޞާދީގޮތުން ލިބެންޖެހޭ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަތޮޅުގައި ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. އަތޮޅުގެ ރައްޔިތުން އަދި އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންވެސް ދަތުރުކުރަނީ 2-3ގަޑިއިރުގެ ލޯންޗު ދަތުރުތަކުންނެވެ. މީގެ ސަބަބުން އެ އަތޮޅަށް މީހުން ދަތުރުކުރާ މިންވަރުވެސް މަދެވެ.

"މިހާރު ރަށުގެ ގެސްޓްހައުސްއަށް ފަތުރުވެރިން ގެންނަނަމަ، އެމީހުން ރަށާ ހަމައަށް ގެނެވެނީ މާލޭގައި އެއްރޭ މަޑުކޮށްފައި އަނެއް ދުވަހު އޮންނަ ލޯންޗުން. އެހެންވީމަ އެބަ ދުވަސް ގެއްލޭ." މ.މުލިން ވާހަކަދެއްކި ރަށުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތަކުން ފާހަގަކުރިއެވެ.

30މިނެޓުގެ ލޯންޗު ދަތުރަކުން އެއަރޕޯޓަކަށް ދަތުރު ނުކުރެވޭ ހަމައެކަނި ސަރަޙައްދުގެ ގޮތުގައިވެސް މިހާރު ރާއްޖޭގައި އޮތް ސަރަޙައްދަކީ މުލަކަތޮޅު ސަރަޙައްދެވެ. އަތޮޅަށް އޮތް ދަތުރުފަތުރުގެ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރުން މިހާރު މިވަނީ އެ އަތޮޅު މުލީގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމަށް ނިންމާފައެވެ. އަދި އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށް އެކަމުގެ ޢަމަލީ މަސައްކަތް ރަށުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މުލީ ކައުންސިލްގެ ރައީސް އަޙުމަދު ޝާތިރު ވިދާޅުވީ ރަށުގައި އާ ވިޔަފާރިތައް އުފެދުމާއި މިހާރު ހުރި ވިޔަފާރިތައް ރަނގަޅަށް ހިނގައިގަތުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަށަށް އަރާ ފައިބާ މީހުން މަދުވުންކަމަށެވެ. ނަމަވެސް އެއަރޕޯޓާއެކު މުއްޔަށް އަދި އަތޮޅަށް އަންނަ މީހުންގެ އަދަދު އިތުރުވެ ކުދި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެންދާނޭކަން އޭނާ ފާހަގަކުރިއެވެ.

"މިހާރު ވަރަށް މަދު ކެފޭ ރެސްޓޯރަންޓްތައްވެސް. އެއަރޕޯޓް ނިމުނީމަ އިތުރު ފަތުރުވެރިންނާ މީހުން ރަށަށް އަރާނެ. އޭރުން ފިހާރަތަކާ އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުން ގިނަ މީހުން ޚިދުމަތް ހޯދާ ފަށާ އިތުރު އާމްދަނީ ރަށަށް ވަންނާނެ." ޝާތުރު ވިދާޅުވިއެވެ.

އެއަރޕޯޓާއެކު މުޅި އަތޮޅުގެ ކުރިއެރުމަށް ރައްޔިތުން ކުރާ އުއްމީދު ވަނީ ބޮޑެވެ. އެއަރޕޯޓް މަޝްރޫޢާއެކު ލިބޭ ދަތުރުފަތުރުކުރުމުގެ ލުއިފަސޭހަކަމުގެ އިތުރަށް ރައްޔިތުން ތިބީ އިތުރުވެގެންދާނެ ވަޒީފާގެ ފުރުޞަތުތަކަށްވެސް ބަލަބަލައެވެ.

"އެއަރޕޯޓުން އެބަ ވަޒީފާ ލިބޭ. އަދި އާ ވިޔަފާރިތަކަށް ވަދެ ވަޒީފާގެ އާ ފުރުޞަތުތައް އުފެދޭނެ. މިއީ ރަށަށް ވަންނަ އިތުރު އާމްދަނީ. އާއްމު ރައްޔިތުންގެ މާލީ ޙާލަތު ވަރަށް ބޯޑަށް ރަނގަޅުވާނެ." ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

މުލީ އެއަރޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީއާއެކު ސޮއިކުރީ ފެބްރުއަރީ 28ވަނަ ދުވަހުއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ، މިއަހަރުގެ ނޮވެމްބަރު ޚިދުމަތް ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.