ކުޅިވަރު

ކޮލިފައިންގ މެޗު މާލޭގައި ކުޅެން ފީފާއިން ނިންމައިފި


ސަލާމަތީގޮތުން ރައްކާތެރިކަން ދޭނެކަމުގެ ޔަޤީންކަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން  ދިނުމުން، ކޮލިފައިންގ މެޗު މާލޭގައި ކުޅެން ފީފާއިން ނިންމައިފިއެވެ. ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާއި ހޮންކޮންގ މާލޭގައި ކުޅެން އޮތް ވަރލްޑްކަޕް ކޮލިފައިންގ މެޗު، ރާއްޖޭގައި ކުޅެވޭނެކަމާއި މެދު ސުވާލު އުފެދިފައި ވަނިކޮށް މެޗު ރާއްޖޭގައި ކުޅޭނެކަމުގެ ޔަޤީންކަން ފީފާއިން ދިނީ މިއަދުއެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަން މުޙައްމަދު ޝަވީދު ވިދާޅުވީ ފީފާއިން އެގޮތަށް ނިންމީ ރާއްޖޭގެ ސަލާމަތީ ބާރުން، ސަލާމަތީ ގޮތުން ރައްކާތެރިކަން ދޭނެކަމުގެ ޔަޤީންކަން ލިޔުމުން ދެއްވުމުންކަމަށެވެ. ފީފާއިން އެގޮތަށް ނިންމާފައި މިވަނީ ހޮންކޮންގ ޓީމުން މެޗު ކުޅެން މާލެ އަންނަން ބޭނުން ނުވާކަމަށް ބުނެފައިވަނިކޮށެވެ.