ޚަބަރު

ފެންފުށީ ނަރުދަމާ ވިއުގަ ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި


އދ.ފެންފުށީގައި ނަރުދަމާގެ ވިއުގަ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އދ.ފެންފުށީފައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ 2017 ވަނަ އަހަރުއެވެ. އެމަސައްކަތް ފެށީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން، ސަބް ކޮންޓްރެކްޓަރގެ ގޮތުގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އެއްބަސްވުމުގެ ތެރެއިން ޕްރޮޖެކްޓް ސަރވޭ ކުރުމާ އީއައިއޭ އަދި ޑިޒައިން މަސައްކަތްތައް ވަނީ މުޅިން ނިމިފައެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތުގެ ބޮޑު ބައެއް ނިންމާފައިވެއެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ރަށުގައި ނަރުދަމާގެ ވިއުގަ އެޅުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ. އަދި ކުރީގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިނގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިހާރު މިވަނީ، ފެންފުށީގެ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރާއެކު ސޮއިކޮށްފައެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މިއެއްބަސްވުމަކީ މިނިސްޓްރީއާ ސްޓެލްކޯ އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނޭހެން ހަދާފައިވާ "ޓްރައިޕާޓީ ނޮވޭޝަން" އެއްބަސްވުމެއްކަމަށެވެ.

ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފަރޫޤްއެވެ. އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސްޓެލްކޯގެ ފަރާޓުން ސޮއިކޮށްފައިވަނީ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީއެވެ.

މި އެއްބަސްވުމުގެ ދަށުން ފެންފުށީގައި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުމާއި ނަރުދަމާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމާއި ސީ އައުޓްފޯލް އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ވިއުގަ ގުޅައިދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 19.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތުން ނިންނާގޮތަށެވެ.