ޚަބަރު

ކޯވިޑް-19 ދިފާޢު : ފައިޒާ ވެކްސިން ރާއްޖެއަށް ގެނެސްފި


ކޯވިޑް-19އިން ދިފާޢުވުމަށް އުފައްދާފައިވާ ފައިޒާ ވެކްސިން ރާއްޖެއަށް ގެނެސްފިއެވެ.

ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައިވަނީ ޤައުމުތަކަށް ހަމަހަމަ ކާމާއެކު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކުރިއަށްގެންދާ ކޮވެކްސް ފެސިލިޓީގެ ތެރެއިންނެެވެ.

ޔުނިސެފް މޯލްޑިވްސްއިން ބުނީ ކޯވެކްސްގެ ތެރެއިން ފައިޒާ ވެކްސިންގެ 5,850ޑޯޒް މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވާކަމަށެވެ.

ފައިޒާ ވެކްސިން ގެނައުމާއެކު ކޯވިޑް-19އިން ދިފަޢުވުމަށް ދުނިޔޭގައި އުފައްދާފައިވާ ތިން ވެކްސިނެއް މިހާރު މިވަނީ ރާއްޖެއަށް ލިބިފައެވެ. އެސްޓްރަޒެނަކާއާއި އިންޑިއާގެ ސީރަމް އިންސްޓިއުޓް ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއާ ޗައިނާގެ ސައިނޯފާމް ވެކްސިން މިހާރުވެސް ރާއްޖޭގައިއަންނަނީ ބޭނުންކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19އާއި ދެކޮޅަށް ބޭނުންކުރުމަށް ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ޙުއްދަދީފައިވަނީ މިމަހުގެ 15ވަނަ ދުވަހުގައެވެ. ފައިޒާ ވެކްސިން ބަހައްޓަންޖެހެނީ ވަކި ޚާއްސަ ފިނިހޫނުމިނެއްގައި ކަމަށްވާތީ ރާއްޖޭގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ފައިޒާ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ %95ކަމަށް އެވެކްސިންގެ 3ވަނަ މަރުހަލާގެ ތަހުލީލުތަކުންވަނީ ދައްކާފައެވެ.