ވިޔަފާރި

އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅަމުންދާތީ ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާސްކޮށްފި


ބޭންކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ ކޯލްތަކަށް ސަމާލުވުމަށް ބީއެމްއެލްއިން އިލްތިމާޒްކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ މިހާރަކަށް އައިސް އެބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ނަމަވެސް ބީއެމްއެލުން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ވާހަކަ އެ ބޭންކުން ވަނީ ތަކުރާރުކޮށްފައެވެ. އަދި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށާއި ބޭންކުން މޮބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެކަމަށްވެސް ބީއެމްއެލުން ހާމަކުރެއެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީނުވުމަށް ބީއެމްއެލުން އިލްތިމާސްކުރެއެވެ.

ޒާތީ މައުލޫމާތާއި އެކައުންޓާބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެބޭންކުން އިލްތިމާސްކުރެއެވެ. ބޭންކުން ކަމަށް ބުނެ އަންނަ މިފަދަ ކޯލްތަކާބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުއްވުމަށްވެސް ބީއެމްއެލުން ވަނީ އެދިފައެވެ.