ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭ މައްސަލަ ސުޕްރީމް ކޯޓަށް


މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންނުވާކަމަށް ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެމްޑަބްލިޔުއެސްސީގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.

މިމައްސަލައިގަ މިއަދު އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ މިމައްސަލައަކީ އާންމު މަސްލަހަތު ހުރި މައްސަލައަކަށް ވުމުން މިމައްސަލަ ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކުރައްވާފައިވާކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނީ ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޙްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށް އެކަނިކަމަށެވެ. އަދި އިސްތިއުނާފަށް ހުށަހެޅި ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އަދި އިސްތިއުނާފްކުރެވުނު ނިންމުމަކީ ދަށު ކޯޓުން ނިންމި ނިންމުމެއް ނޫންކަމަށާއި އަދި އެއީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްކަމަށްވެސް ބެލޭނޭ ޖާގައެއް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

އެމްޑަބްލިޔުއެސްސީން ހައިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ، އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިސާސް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައެއްކަމަށާއި، އަދި އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުން ބެއްލެވި މައްސަލައިގައި ބުނެފައިވެއެވެ. ނަމަވެސް ހައިކޯޓަށް ބެލުމުގެ އިޙްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މި ބާވަތުގެ މައްސަލައެއް ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.

އިންފޮރމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިޙްތިސާސް ހައިކޯޓަށް ލިބިގެންނުވާކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ހައިކޯޓުގެ ނިންމުމުން އެނގެނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުމަކީ އިންފޮރމޭޝަން ކޮމިޝަނަރުގެ ނިންމުންކަމަށެވެ.