ޚަބަރު

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިން ރަސްމީކޮށް ހަވާލުކޮށްފި


ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ސައިނޯފާމް ވެކްސިންގެ 2 ލައްކަ ޑޯޒް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ރާއްޖެއަށް ޗައިނާއިން ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެ ލައްކަ ޑޯޒްގެ ތެރެއިން އެއްލައްކަ ޑޯޒްގެ ފުރަތަމަ ބެޗު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ޗައިނާއިން ހަދިޔާކުރި ވެކްސިން ރަސްމީކޮށް ރާއްޖެއަށް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލި ޖޮންގްއެވެ. އަދި ރާއްޖެއިން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމްއެވެ.

ޗައިނާއިން ހަދިޔާކުރި ސައިނޯފާމް ވެކްސިންނާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރޭގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓެއްގައި ސައިނޯފާމްގެ އެއް ލައްކަ ޑޯޒް ވެކްސިން ގެނެސްފައިވާކަމަށެވެ. އަދި އިތުރު އެއްލައްކަ ޑޯޒް މިމަހުގެ 30 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޗައިނާއިން ހަދިޔާކުރި ވެކްސިނާއެކު ރާއްޖޭގެ އިތުރު 1 ލައްކަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެކަމަށާއި، އެމީހުންނަށް ބޭނުންވާ ދެވަނަ ޑޯޒްވެސް ކަށަވަރުވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަގައި ތަފާތު ކުރުމެއްނެތި ހުރިހާ އެންމެނަށް ވެކްސިން ޖަހަމުން ގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި އިތުރަށް ވެކްސިން ހޯދުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމްވަނީ ކޯވިޑް-19ގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. މިގޮތުން ކޯވިޑް ރާއްޖެއިން ފެނުނު ހިސާބުން ފެށިގެން ބައްޔަށް ފަރުވާދިނުމަށްޓަކައި ބޭނުންކުރާނެ ޞިއްޙީ ސާމާނު ޚާއްސަކޮށް ޕީޕީއީއާއި މާސްކްފަދަ ތަކެތި ޗައިނާއިން ހަދިޔާކުރެއްވިކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަލުވާލައްވާ ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލި ޖޯންގް ވިދާޅުވީ، އިތުރު އެއްލައްކަ ޑޯޒްއާއެކު ޕީޕީއީވެސް ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެކަމަށެވެ. އަދި އިމަރޖެންސީ ހާލަތްތަކުގައި ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ރާއްޖެއިން ދިނުމާއި ގުޅިގެން ވީ އެންމެ އަވަހަކަށް ވެކްސިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރިކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ކޯވިޑް -19އިން ދިފާއުވުމަށްޓަކައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުއެވެ. މިހާތަނަށް އައިރު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކަ ސައުވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. އަދި މިވަގުތު ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވާއިރު އާއްމުކޮށް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ނިންމާފައިވަނީ އަންނަ މަހުން ފެށިގެންނެވެ.