ސިއްހަތު

ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލައިފި


ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލުން ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގެ 49 ވަނަ މާއްދާގައިވާގޮތުގެ މަތިން އެގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށެވެ.

އެގޮތުން މި ގަވާއިދުގެ ދަށުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައްވާފައެވެ. އަދި މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުއްވުމަށްފަހު އެތަނެއް ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް ނަގާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް ހެލްތު މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ކައުންޓަރއިން ލިބެން ހުންނާނެކަމަށާއި، މިކަމާގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ [email protected] އަށް މެއިލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދަކީ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ގިންތިކުރުމާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދިނުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން، ޞިއްޙީ ޚިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ އުޞޫލުތައް ވަނީ ކަނޑައަޅާފައެވެ. އަދި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ޞިއްޙީ ޚިދުމަތް ދޭ ތަންތަނުން ޤާއިމުކުރަންޖެހޭ އުޞޫލުތަކާއި، ޤާނޫނުގެ ދަށުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ހުރުން ލާޒިމްކުރާ ކަންތައްތަކާ ގުޅޭ އުސޫލުތައްވެސް ވަނީ ކަނޑައަޅާފައެވެ.

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހެލްތު މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި، މި ގަވާއިދުގައިވާގޮތުގެ މަތިން ރަޖިސްޓަރީވެ، ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު ރަޖިސްޓަރީނުކޮށް އަދި ލައިސަންސް ނުހޯދައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމަކީ ކުށެކެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް ޞިއްޙީ ޚިދުމަތް ދޭ ތަނެއް ހިންގާނަމަ، ނުވަތަ ޞިއްޙީ ޚިދުމަތެއްދޭނަމަ، އެ ތަނެއް ހިންގާ ފަރާތެއް، 50،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ވަނީ ދީފައެވެ.