ޓުއަރިޒަމް

ޑަބްލިއުޓީއެމް ފެއަރ ނިމިއްޖެ


އިނގިރޭސި ވިލާތުގެ ލަންޑަންގައި ބޭއްވި ވަރލްޑް ޓްރަވެލް މާކެޓް ފެއަރ ނިމިއްޖެއެވެ. މިފެއަރއަށް މިއަހަރު ފަންސާސްހާހަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިފެއަރގައި ރާއްޖެއިން ބައިވެރިކޮށްފައިވާ ސްޓޭންޑަށް މިއަހަރުވެސްވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. މިފެއަރގައި ބައިވެރިވި ރާއްޖޭގެ ކުންފުނިތަކުން ބުނީ މިއީ ވަރަށް ކާމިޔާބު ފެއަރއެއް ކަމަށެވެ. އެފަރާތްތަކުން ހާމަކުރާ ގޮތުގައި މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ޒަމާނުއްސުރެ ގާތްގުޅުމެއް ބާއްވަމުން އަންނަ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުވެ ރާއްޖެއާ ބެހޭ މަޢްލޫމާތުތައް ދިނުމާއި އެފަރާތްތަކާއެކު ގުޅުން ބަދަހި ކުރުމަށް ލިބުނު ވަރަށް ރަނގަަޅު ފުރުސަތެކެވެ. "އަޅުގަނޑުމެން ބަލަނީ މިފެއަރއަކީ އާ ވިޔަފާރިތަކެއް ހޯދާ ފެއަރއެއްނޫން. ބޮޑަށް މިބަލަނީ އަޅުގަނޑުމެންގެ ވިޔަފާރިތައް ދަމަހައްޓަން. އިތުރަށް އިންޑަސްޓްރީ ފުޅާކޮށް ދެހެއްޓުމަށްޓަކައި މިއީ ވަރަށް މުހިއްމު ފެއަރއެއް" އިނަރ މޯލްޑިވްސްގެ ފަރާތުން މަޢްލޫމާތު ދިނެވެ.މިފަހަރުގެ ފެއަރގައި ރާއްޖޭގެ ޤައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަނުންވެސް ބައިވެރިވިއެވެ. އެކުންފުނީގެ ފަރާތުން މަޢްލޫމާތު ދެއްވަމުން ރިޒްވީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް އެހީތެރިވެދޭ ބަޔަކަށް އެއަރލައިންތައް ވާނެ ކަމަށެވެ. "އައިލެންޑް އޭވިއޭޝަނުން މި ކަނެކްޓް ކޮށްދެނީ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކާ. މިފެއަރގައި ބައިވެރީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދާ ޓުއަރިސްޓުންގެ ފީޑްބެކްތަކާ ރަނގަޅުކުރަންޖެހޭ ކަންތައްތައްވެސް އެނގިގެންދޭ." ރިޒްވީ ވިދާޅުވިއެވެ.ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ގިނަ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުކުރުމަށް މިއީ ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ. އެގޮތުން ބަނޑޮސް މޯލްޑިވްސްގެ ފަރާތުން މިފެއަރގައި ބައިވެރިވި އިސްމާޢީލް ރަޝީދު ވިދާޅުވީ އޮކިއުޕެންސީ ފޯކާސްޓް ކުރުމަށްވެސް މިފެއަރއިން ވަރަށްބޮޑު އެހީތެރި ކަމެއް ލިބިގެންދާ ކަމަށެވެ.ހަމައެއާއެކު ކުރިއަށް ކުންފުނިތަކުން ކުރިއަށް ރާވާފައި ހުރި ކަންތައްތައް އިންތިޒާމްކޮށް ކުރިއަށްގެންދާނެ ގޮތްތައް ރޭވުމަށް ވަރަށްބޮޑަށް އެހީތެރިވާ ކަމަށް ކުންފުނިތަކުން ހާމަކުރެއެވެ. ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ފަރާތުން ޢަބްދުﷲ ފުއާޒް ވިދާޅުވީ ކުންފުނިތަކަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށްވެސް މިފެއަރގެ ސަބަބުން ފައިދާ ކުރާނެކަމަށެވެ."ރާއްޖެއަކީ ދަތުރުކުރަން ރަނގަޅު ޑެސްޓިނޭޝަނެއްކަން އަޅުގަނޑުމެން ޑައިރެކްޓްލީ ކިޔައިދިނުން މިއީ ވަރަށް މުހިއްމު ކަމެއް" ފުއާޒް ވިދާޅުވިއެވެ. އިނގިރޭސި ވިލާތަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެކެވެ. އެގޮތުން ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ %7.5 އިނގިރޭސި ވިލާތުން ޙިއްސާކުރެއެވެ.  މިމަހުގެ 2ން 5އަށް ކުރިއަށް ދިޔަ މިފެއަރގައި ރާއްޖޭގެ 57 ކުންފުންނަކުން 157 މަންދޫބުން ބައިވެރިވެފައިވެއެވެ.