ޚަބަރު

އެމްޕީއެލްގެ، ނުރައްކާތެރި ދެ ހާދިސާގެ ޖިނާއީ ތަޙުގީގެއް ހިންގުމަށް މަޖިލީހުން ފާސްކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި އެންމެ ފަހުން ހިނގި ނުރައްކާތެރި ދެ ހާދިސާ ހިނގުމުގައި އެކުންފުނީގެ އިހުމާލު އޮތްކަމަށް ދެކި، އިހުމާލުވީ ފަރާތްތަކާމެދު ޖިނާޢީ ތަޙުގީގެއް ހިންގުމަށް ފުލުހުންނަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ. މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ނިންމި ގޮތަށް ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 26 މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފަހުން އެމްޕީއެލްގައި ހިނގި އެއް ހާދިސާއަކީ ކާޕެޓް ރޯލެއް މީހެއްގެ ގައި މައްޗަށް ވެއްޓުމުގެ ހާދިސާއެވެ. މިހާދިސާގައި އަނިޔާ ލިބުނު މީހާއަށް ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. މީގެ އިތުރުން ބިއްލޫރި ޕެލަޓެއް މީހެއްގެ ގައިމައްޗަށް ވެއްޓި، ހިނގި ހާދިސާގައި ފަރުވާދެމުންދަނިކޮށް އޭނާވެސް ވަނީ ނިޔާވެފައެވެ. މި ހާދިސާތަކުގައި އިހުމާލުވުންތަކެއް ހުރިކަމަށް ބުނެ އެމްޕީއެލްއިން ވެސް އެތަނުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފައިވެއެވެ.

އެމްޕީއެލްގައި ހިނގި ހާދިސާތައް އެސްއޯއީ ކޮމިޓީން ބަލައި ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވި އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދަންނަވާ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެސްއޯއީ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް ދެންނެވުމަށެވެ.

މި ހާދިސާއާއި ގުޅިގެން ކޮމިޓީއަށް ޙާޒިރުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލައި ކޮމިޓީގެ ރިޕޯޓްގައި ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރުމަށް ހަދަންޖެހޭ އެސްއޯޕީތައް މިހާތަަނަށްވެސް ހަދާފައި ނުވާކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ރިސްކް އެސެސްމަންޓެއް ހަދަންޖެހޭއިރު، އެވެސް ހަދާފައި ނުވުމާއި، ޗެކްލިސްޓްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަޖޫރީން ބަނދަރުގައި މަސައްކަތްކުރާނެ ގައިޑްލައިނެއްވެސް އެކުލަވާލާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރާނެ އުސޫލެއް ނެތުމާއި އެ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލްތައްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މިނޫނަސް ބަނދަރުގައި ފުރިހަމަވާންޖެހޭ ވަރަށް ގިނަ ކަންކަން ފުރިހަމަނުވެ އަދި އެކުލަވާލަންޖެހޭ އުސޫލްތައް ހެދިފައިނުވާތީ، އެކަންކަން އިސްލާހުކުރުމަށް އެމްޕީއެލްއަށް ދެންނެވުމަށްވެސް ކޮމިޓީ ރިޕޯޓްގައިވަނީ ހިމަނާފައެވެ.