ވިޔަފާރި

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން މަޝްވަރާކުރަނީ


މިޔަރުގެ މަސްވެރިކަމަކީވެސް އެއިން އިޤްތިސާދަށް ފައިދާކުރާނެ ކަމެއް ކަމަށާއި، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކުތެރޭގައެވެ. 2000ގެ އަހަރުތަކުގައި މިޔަރުގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދިއުމާއި ގުޅިގެން 2010 ވަނަ އަހަރު މުޅި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރިއެވެ.

ރައްޔިތުން މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ މަދު ޤައުމުތަކެއްގައި ކަމަށެވެ. އަދި މިއީ އިޤްތިސާދަށް މަންފާއެއް ކުރާނެ ކަމަކަށްވާއިރު، މި މަސްވެރިކަމަށް އަލުން ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މެނޭޖް ފިޝަރީއެއްގެ ގޮތަށް، ކުރަން ވިސްނަނީ، އިޤްތިސާދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި އިޤްތިސާދީ ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ، މެނޭޖް ފިޝަރީއަކީ ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ހޯދުން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ފާހަގަކުރެއްވި ގޮތުގައި މިޔަރަކީ އެހެން ކަނޑުގެ ދިރުންތަކަށް ޝިކާރަ ކުރާ މަހަކަށްވާއިރު، މީގެ އާބާދީ އިތުރުވުމަކީ ކަނޑުގެ އެހެން ދިރުންތަކަށްވެސް އަސަރުކުރާ ކަމެއް ކަމަށެވެ.

އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި މިޔަރުގެ އާބާދީ އިތުުރުވެ މިޔަރުގެ ސަބަބުން އުނދަގޫވާކަމަށް ބުނެ ބާނާމަހުގެ އެއްބުރި ކާލާފައި ހުންނަ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި މަސްވެރިން އަންނަނީ ހިއްސާކުރަމުންނެވެ. މިޔަރުގެ އުނދަގޫ ބޮޑުކަންނެލީގެ މަސްވެރިކަމުގެ އިތުރުން ފަރުމަހުގެ މަސްވެރިކަމަށްވެސް ދިމާވެއެވެ.

ޢާދަނުބެ

ތީ ކުރަން ވަރަށް ރަނގަޅު ކަމެތް ފުން ހިސާބު ތަކުން މިޔަރު ބާނަންވީ މިޔަރު އުރަހަޔަކީ ބޮޑު އަގުގަ ވިއްކާލެވޭ އެތްޗެއް ތިކަމުން ރާއްޖޭ އިގްތިސާދައް ރަނގަޅު ފައިދާއެތް ކުރާނެ ކަމަށްފެނޭ ފުން ހިސާބުތަކުން ބޮޑެތި މިޔަރު ބޭނިޔަސް ފަތުރުވެރިންނަށް ކަނޑު އޮޅިތަކުގަ އުޅޭ މިޔަރު ޑައިވިންކޮށްގެން ފެންނާނެ ސަބަބަކީ ކަނޑު އޮޅިތަކުގަ އުޅޭމިޔަރު އަބަދުވެސް އެހިސާބުގަ ދިރި އުޅޭތީ ކަނޑި ފަޜު ކައިރިން ފެންނަ މިޔަރުވެސް ފެންނާނެ ސަބަބަކީ ފަޅު ކައިރީގަ އުޅޭ މިޔަރު ފުން ކަނޑުތަކަށް ނުދާނެތީ