ކުޅިވަރު

ލީގު ނުފެށި ކުލަބްތައް ގޮސް ހުސްވެފައި


ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން ނުފެށި ކުލަބްތައް ގޮތްހުސްވާ ހިސާބަށް މިހާރުގޮސްފައިވާކަމަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބްތަކުން ބުނެފިއެވެ.

މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ 3ވަނަ ދުވަހު ޕްރިމިއަރ ލީގުގެ ކުޅުންވަނީ ހުއްޓާލާފައެވެ. އެޗްޕީއޭގެ އެއްގުމާއި އެއްގޮތަށް މާލޭ ދުވާ ޓްރެކްވެސް މިހާރުވަނީ ބަންދުކޮށްފައެވެ. ޕްރިމިއަރ ލީގުގެ ކުޅުން ހުއްޓާލާފައި އޮންނަތާ މިހާރު ދެ މަހާއި ގާތްވެފައި ވާއިރު، ކުލަބްތަކުގެ ފަރިތަކުރުންތައްވެސް ކުރިއަށް ގެންދަން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ ފަހު ހަފްތާގައެވެ.

ޕްރިމިއަރ ލީގުގެ ކުޅުން ނުފެށި ކުލަބްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމީ ބޯޅަ ދަނޑުގައި ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ކުލަބްތަކުންވެސް ބުނީ އެޗްޕީއޭއިން ލީގްގެ ކުޅުން ފަށަން ހުއްދަ ނުދޭންވީ ސަބަބެއް ނޭންގޭކަމަށާއި މިއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެފްއޭއެމްއިން ކުލަބްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތުން އެންމެ ފުރަތަމަ އެޗްޕީއޭއިން ބުނީ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންކަމަށެވެ. ކުލަބްތަކުން ފުރަތަމަ ޑޯޒް ޖަހައިގެން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ފަރިތަކުރުންތައްވެސް ކުރިއަށްގެންދަނީ ހާއްސަ ގައިޑްލައިންއެއްގެ ދަށުންނެނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު ވިދާޅުވީ މިހާތަނަށް ވެސް އެޗްޕީއޭއިން އެންގި ހުރިހާ އެންގުމަކަށް ކުލަބްތަކުން އަމަލް ކުރަމުންދާކަމަށާއި ލީގް ފަށަން އެދުމުން އެކަމަށް އިޖާބަ ނުދޭންވީ އެއްވެސް ސަބަބެއް ނުވިސްނޭކަމަށެވެ. އަދި މިއަށް ވުރެއް ބޮޑަށް ޒިންމާދާރުކަމާއެކު ޖަވާބުދާރީވާންޖެހޭކަމަށް ވައްހާބް ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވެސްވަނީ ލީގް ނުފެށި ލަސްވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކުރިއަށް އޮތް އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާ އާއި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ކުލަބް އީގަލްސްއަށް ވާދަވެރި މެޗްތަކެއް ނުކުޅެ، އޭއެފްސީ ކަޕްގައި ވާދަކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެކަމަށް ވިދާޅުވެފައެވެ. ކުލަބް އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް ވިދާޅުވީ ފުޓްބޯޅަ ކުޅުންތެރިންނަކީ އަބަދުވެސް ނަމޫނާބައެއްކަމަށާއި މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަކީ ކުލަބްތަކުގެ ވިސްނުން ނޫންކަމަށެވެ. އަދި މިހާތަނަށް އެޗްޕީއޭއާއި ޓެކް ޓީމުން ފުޓްބޯޅައާމެދު އަމަލްކުރަމުން އައިސްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް މުފާވިޒް ހާޝިމް ވިދާޅުވިއެވެ.

މާޒިޔާ އާއި ކުލަބް އީގަލްސްގެ އިތުރުންވެސް ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބް ތަކުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހުރިހާ ކުލަބްތަކުންވެސް ލީގް ފަށަން ބޭނުންވަނީ ކުރިއަށް އޮތް އޭއެފްސީ ކަޕްގެ މެޗްތަކަށް ރާއްޖޭގެ މާޒިޔާ އާއި ކުލަބް އީގަލްސްއަށް ވާދަވެރި މެޗްތަކެއް ހޯދައިދޭން ކަމަށެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަންނަ މަހުގެ 7ވަނަ ދުވަހު ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީ ވާކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، ސެންޓްރަލައިކޮށް އޭއެފްސީ ގުރޫޕް ސްޓޭޖްގެ މެޗްތަށް ކުޅުމަށް އޭއެފްސީއިން ނިންމުމުން، އެފްއޭއެމްއިން ގުރޫޕް ޑީގެ މެޗްތައް ރާއްޖޭގައި ކުޅުމަށް ކުރި ބިޑް ކާމިޔާބުކޮށް، ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތަށް މިއަންނަ މޭ މަހުގައި މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.