ސިއްހަތު

އަގުދަށް ބޭސް ދޫކުރުމަށްފަހު އަގުބޮޑު ބޭހަށް ބިލްކުރާކަން ވަނީ ފާހަގަކުރެވިފައި - އާސަންދަ

ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގުދަށް ބޭސް ދޫކުރުމަށްފަހު، އަގުބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަން ފާހަގަކުރެވިފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އާސަންދަ ސްކީމްގެދަށުން ދޫކުރާ ބޭސް ހަަމައަގަށް ގެނައުމަށް އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާސަންދައިން ވިދާޅުވީ، ބޭސް ދޫކުރުމުގައި ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގުދަށް ބޭސް ދޫކުރުމަށްފަހު އަގުބޮޑު ބޭހަށް އާސަންދައަށް ބިލްކުރާކަން ފާއިތުވި އަހަރުތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް 3 މަސްދުވަހަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީއަށް 2 މަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، 3 މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުންފަދަ އޮޅުވާލުމުގެ މައްސަލަތައްވެސް ފާހަގަކުރެވި މިފަދަ މައްސަލަތައް ބެލުމަށްފަހު، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިފަދަ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނާއި، ސްކީމްގެ ޚިދުމަތްތައް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފޯރުކޮށްދިނުމަށް އާސަންދައިން ވަނީ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައެވެ. އާސަންދައިގެ "ވިނަވި" ޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ޚިދުމަތްތަކާ ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ. މިގޮތަށް ޗެކްކުރާއިރު ޝައްކު އުފެދޭ އެއްވެސް ކަމެއް ފާހަގަވާނަމަ އެޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށް އާސަންދައިން ވިދާޅުވެއެވެ.

އާސަންދައިން ވިދާޅުވީ، ސްކީމްގެ ޚަރަދުކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާކަމަށެވެ. މި މަސައްކަތުގެ ތެރެއިން، އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާކުރަމުންދާކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް މިފަދަ އެތައް ބޭހެއް ހަމަ އަގަށް ގެނައުމަށްޓަކައި ބޭސް އެތެރެކުރާ ފަރާތްތަކާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެހެންނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާރކެޓް އެކްސްކޫލިސިވިޓީ ދެވިފައިވާ (އެއް ވެންޑަރ ފިޔަވާ އެހެން ވެންޑަރ އަކަށް އެތެރެ ނުކުރެވޭގޮތަށް ހުންނަ) ބޭސްތަކަކަށްވުމުން، އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި ދަތިތަކާއި ކުރިމަތިވާކަމަށް އާސަންދައިން ވިދާޅުވެއެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި މިފަދަ މަރކެޓް އެކްސްކްލޫސިވިޓީ ދެވިފައިވާ ބޭހެއްކަމަށްވާ ޒޮވަންޓާ ބޭހުގެ އަގަށް ބަދަލުގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއެކު މަޝްވަރާކުރެވި އެކަން ކާމިޔާބުކުރެވިފައިވާކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި އެންމެ ބޭހެއްގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަޑަކަށް ބާރަ މިލިޔަން ރުފިޔާ ސްކީމް ޚަރަދުން ކުޑަކުރެވޭނެކަމަށް އާސަންދައިން މަޢުލޫމާތުދެއެވެ.

އާސަންދަ ސްކީމްގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ބޭސްފިހާރަތަކަށް ކަމަށް ވީހިނދު، ކޮންމެ ބޭހެއްވެސް ދިވެހިރާއްޖޭގައި ވިއްކޭނޭ އެންމެ މަތީ އަގު (އެމް.އާރް.ޕީ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭ އިން އަދި ކަނޑައަޅާފަ ނުވިނަމަވެސް، އެއް ބޭހެއް އެކި ބޭސްފިހާރަތަކުން އެކި އަގުގައި ވިއްކަމުންދާ މައްސަލަ ހައްލުކުރުމުގެ މަޤްޞަދުގައި، ސްކީމްގެ ތެރެއިން ބޭސްދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އާސަންދައިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޮކްޓޫބަރު 2019 ގައި، އޭރު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތްދެމުންދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއިކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގައި ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއްއަގަކަށް ކަމަށް ހަމަޖެހިގެންދިޔަކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެމް.އެފް.ޑީ.އޭ އިން ކޮންމެ ބޭހެއްވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުންވެސް، އާސަންދަ ސްކީމްގެ ތެރެއިން މިވަގުތު ދޫކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހަށް ވުރެ ގިނަ ބޭސް، ބޭސްފިހާރަތަކުން ލިބެން ހުންނަނަމަ، ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށްވްސް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.