ތިމާވެށި

"ހަކަތަ ސަމަކާރަ" ގައިޑްލައިންގެ ތަމްރީން ޕްރޮގްރާމް ފަށައިފި


މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިގެން ތައްޔާރުކުރަމުން އަންނަ ހަކަތަ ސަމަކާރަ ބިލްޑިންގ ގައިޑްލައިނުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

އޮންލައިންކޮށް ފެށި، 3 ދުވަހުގެ މި ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ޙަސަނެވެ. މި ޕްރޮގްރާމުގައި ރާއްޖޭގައި ޕްރެކްޓިސް ކުރާ ޕްރޮފެޝަނަލުންގެ 93 ބޭފުޅުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ ބޮޑު ބައެއް އިމާރާތްތަކުގައި ބޭނުންކުރާކަމާއި، އިމާރާތެއް ހަކަތަ ސަމަކާރަ ކުރަން ބޭނުންނަމަ އެ އިމާރަތުގެ ބިންގަލާއެކު އެކަމުގެ އަމަލީ މަސައްކަތް ފެށެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. އަދި މިގައިޑްލައިން އަދި އޮތީ ޑްރާފްޓެއްގެ ގޮތުގައިކަމާއި، މިގައިޑްލައިން ޑްރާފްޓެއް ގޮތައް އޮވެ ތަމްރީން ހިންގުމުގެ ބޭނުމަކީ މި ތަމްރީންގެ ތެރޭގައި ހަދާ އެކްސަޒައިޒްތަކާއެކު ބައިވެރިންގެ ހުރި ޚިޔާލުވެސް ހިމަނައިގެން ގައިޑްލައިން ފުރިހަމަ ކުރުމުގެ މަޤުސަދުގައިކަން ފާހަގަކުރެއްވިއެވެ.

އިމާރާތުގެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަޤްޞަދަކީ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައިގެންދާ ދިއުމުގައި، ބިނާކުރާ އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރަންޖެހޭ މިންވަރު ދަށްކުރުމަށް މިހާރަށްވުރެ ސަމަކާރަ ގޮތްތައް ޚިޔާރުކޮށް އިމާރާތްތަކުން އިސްރާފުވާ ކަރަންޓުގެ ނިސްބަތް ދަށްކުރުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ގައިޑްލައިނަކީ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއެކު ތައްޔާރުކުރާ ގައިޑްލައިނެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރޭގައި އާކިޓެކްޓްސް އެސޯސިއޭޝަނާއި، ސިވިލް އެންޖިނިއަރސް އެސޯސިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި، ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވާކަން އެ މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

މިގައިޑްލައިން ތައްޔާރުކުރަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ ޖީ.އީ.އެފްގެ ހިލޭ އެހީގެ ދަށުން، އެންވަޔަރަމަންޓް މިނިސްޓްރީއާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއެކު ހިންގަމުން އަންނަ "ސްޓްރެންގތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓަޖީސް" މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިމާރާތްކުރުމުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ރާއްޖޭގައި އުފައްދާ ހަކަތަ އޭގެ އެންމެ ހެޔޮގޮތު ގައި ބޭނުންކުރުމަށް ބާރުއެޅުމެވެ.