ތަރައްްޤީ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާޓިފިޝަލް ބީޗު ފަސޭހައިން ބޭނުންކުރެވޭގޮތް ހަދަނީ


ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އާޓިފިޝަލް ބީޗުގައި ހަދާ ރޭމްޕްގެ މަސައްކަތް ޢަމަލީގޮތުން ފަށްޓަވައިދެއްވީ، މިނިސްޓްރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފާއި، އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުގެ މެމްބަރުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީޒް (އެމް.އޭ.ޕީ.ޑީ)ގެ ޗެއަރޕާރސަން އަޙުމަދު މުޙައްމަދާއި އެޖަމިއްޔާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

އާޓިފިޝަލް ބީޗް ނުވަތަ ހެދިގޮނޑުދޮށުގައި ކުރިއަށްގެންދާ ރޭމްޕް ހެދުމުގެ މަޝްރޫޢަކީ އެމް.ޓީ.ސީ.ސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި މިމަޝްރޫޢަކީ ޕްލޭނިންގް މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލާއި، އެމް.އޭ.ޕީ.ޑީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި، ރޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ އެމް.ޓީ.ސީ.ސީ އުފެދުނީއްސުރެ އެކުންފުނީގެ ސަޤާފަތުގައި ހިމެނޭކަމެއްކަމަށާއި، އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާގާތުން މަސައްކަތްކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި އެކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާކަންވެސް އެކުންފުނިން ހާމަކުރައްވައެވެ.

އެމްޓީސީސީގެ އަމާޒަކީ ކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން އާޓިފިޝަލް ބީޗުގައި މަޝްރޫޢުވެސް ކާމިޔާބުކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.