ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު ވެކްސިންޖެހީ 267މީހުން


ކޯވިޑް-19އިން ރައްކާތެރިވުމަށްދޭ ވެކްސިންދިނުން ވޭތުވެދިޔަ 24 ގަޑިއިރު ކުރިއަށްގެންދިޔައީ އަތޮޅުތަކުގެ ސެންޓަރުތަކުގައި އެކަންޏެވެ. ޖުމުލަ 267 މީހުން އަލަށް ވެކްސިން ޖަހާފައިވެއެވެ.

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް، މާލެ ސެންޓަރުތަކުގައި ދިނުން ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ވެކްސިން ދިނުން މާލޭ ސަރަޙައްދުގައިވެސް ފަށަން ނިންމާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ދިނުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގައި ހުރި ވެކްސިން ސެންޓަރުތަކުގައި އެކަންޏެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 267 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 21،8912އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 267 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 97،282އެވެ. މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަމ ޑޯޒްޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 121،630އެވެ.

އަތޮޅުތަކުގެ 169 ސެންޓަރުން ވެކްސިން ދިނުމުގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މާލޭގައި ވެކްސިން ދިނުން ކުރިއަށްގެންދާނީ 8 ސެންޓަރަކުންނާ، 2 މޯބައިލް ވެކްސިނޭޝަން ޓީމުންނެވެ.

ސަރުކާރުން މިހާރު އަންނަނީ ވެކްސިންގެ ދެވަނަ ޑޯޒްވެސް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންނެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %50 މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން އައިސްފައިވަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. ނަމަވެސް މިމަހުގެ 15ވަނަ ދުވަހުވަނީ ސިނޮފާމާއި ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަވެސް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އިތޯރިޓީން ދީފައެވެ.