ޚަބަރު

ކޯވިޑް-19 : މިއީ އަތޮޅުތަކުގައި އެކްޓިވް ކޭސްތައް އެންމެ ގިނަވި ދުވަސްވަރު


ކޯވިޑް-19ގެ ޙާލަތުގައި މިހާތަނަށް އައިއިރު ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެއްފަހަރާ އެންމެ އިތުރުވީ މިހާރުކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ އެޓޯލް ޕްރިޕެއަރނަސް ކްލަސްޓާގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ޢަބްދުﷲ މަޢުރޫފް ވިދާޅުވީ އަތޮޅުތަކުގައި ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު މިޙާރު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އަތޮޅުތަކުގެ ރަށްތަކުގައި މިވަގުތު ކޯވިޑް-19ގެ 207 ބަލިމީހުން އެބަތިއްބެވެ.

މިވަގުތު އެންމެ ބޮޑު ކްލަސްޓަރއެއް އޮތީ ހއ.ބާރަށުގައެވެ. އެރަށުގައި ކޯވިޑް-19އަށް ޕޮޒިޓިވް 36 މީހުން އެބަތިއްބެވެ. އަދި 217 ކޮންޓެކްޓުން ހިމެނެއެވެ. ދެން އެންމެ ގިނަ އެކްޓިވް ކޭސްތައް ވަނީ ނ.ޅޮހީގައެވެ. ޅޮހިން 23 މީހުން ޕޮޒިޓިވްވެފައިވާއިރު، 190 ކޮންޓެކްޓުން ހިމެނެއެވެ. އެކްޓިވް ކޭސްތައް ދެން އެންމެ ގިނައީ ދ.ކުޑަހުވަދޫގައެވެ. ކުޑަހުވަދުއިން މިހާތަނަށް 22 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މި މީހުންގެ 155 ކޮންޓެކްޓުން އެބަތިއްބެވެ. މީގެ އިތުރަށް ހއ.ދިއްދޫގައި ޕޮޒިޓިވް 15 މީހުން، އއ.ތޮއްޑޫގައި ޕޮޒިޓިވް 7 މީހުން އަދި ރ.އުނގޫފާރުގައި ޕޮޒިޓިވް 5މީހުން އެބަތިއްބެވެ.

"މީގެތެރެއިން ބައެއް ރަށްރަށަކީ ޢާއްމު ޚިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަތުރުކުރާ ރަށްތައް. އުނގޫފާރު ހޮސްޕިޓަލްގެ ޚިދުމަތަށް އެތަށް ބަޔަކު ދޭ. މިގޮތަށް އެހެން ރަށްރަށުން ބަލި އޮތް ރަށްރަށަށް ދަތުރުކޮށްފަ ތިމި މީހުންވެސް ޕޮޒިޓިވްވެފަ އެބަތިބި." މަޢުރޫފް ވިދާޅުވިއެވެ.

މަޢުރޫފްވަނީ ރަށްރަށަށް ކަރަންޓީނަށް ދާ މީހުން އިތުރަށް ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ. އަލަށް އުފެދުނު ބޮޑެތި ކްލަސްޓަރތަކުގައި، ކަރަންޓީނުގައި ތިބި މީހުން ރަށުގެ އެހެން މީހުންނާ ބައްދަލުވެ އުފެދުނު ކްލަސްޓަރތަށް ހިމެނެއެވެ. ކަރަންޓީނަށްދާ ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ޢަމަލުކުރަމުންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.