ޚަބަރު

ކޯވިޑް-19 : ފ.ނިލަންދޫއިން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް


ފ. ނިލަންދޫއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލާ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ނިލަންދޫ ކައުންސިލުން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށައް ގޮސް ކަރަންޓީންގައި ހުރި އަންހެނެއްކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ރިލީސް ސާމްޕަލްއަކުންނެވެ. މީގެ އިތުރުން ކަރަންޓީންގެ މުއްދަތުގައި އެ އަންހެންމީ އެރަށު ހޮޓަލެއްގައި މަސައްކަތްކުރާ ފިރިހެނަކާ ކޮންޓެކްޓްވެފައިވުމުގެ ސަބަބުން މިހާރު އެމީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

ނިލަންދޫ މޮނިޓަރިންއަށް ލުމާއި ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށްފައިވާއިރު ޒަރޫރީ ބޭނުންމެއްގައި ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފ. ނިލަންދޫގެ އިތުރަށް ބައެއް އެހެން ރަށްތަކުންވެސް ޕޮޒިޓިވް ކޭސް ފެނުމާ ގުޅިގެން ވަނީ މޮނިޓަރިންއަށް ލާފައެވެ. އެގޮތުން ރ.އުނގޫފާރާއި ދ. ކުޑަހުވަދޫވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހުގެ ފަހުން އެރަށަށް ދިޔަ އެންމެން ރިޕޯޓުކުރުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި މިހާތަނަށް 22000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު މީގެ ތެރޭގައި އަތޮޅުތަކުގެ ބައެއްރަށްރަށުން ޕޮޒިޓިވްވި މީހުންވެސް ހިމެނެއެވެ.