ޚަބަރު

"އަހުލު" ޕްރޮގްރާމް : 2 އާއިލާއެއް ރަށަށް ބަދަލުކޮށްދީފި


ކޯވިޑު-19އިގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން މިހާތަނަށް އެދުނު ފަރާތްތަކުގެ ތެރެއިން 2 އާއިލާއެއް ރަށަށް ބަދަލުކޮށްދީފިއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ޖެންޑަރ މިނިސްޓްރީން އަންނަނީ "އަހުލު"ގެ ނަމުގައި ޕްރޮގްރާމެއް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުޞަތުގައި މިހާތަނަށް 13 އާއިލާއަކުން އެކަމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން 7 އާއިލާއެއްގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތައް ހަދާ ނިންމާލާފައިވާކަމަށާއި 4 އާއިލާއެއް އެމީހުންގެ ރަށަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ އެ މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ އެހީއަށް އެދުނު އާއިލާތަކުގެ ތެރެއިން 2 އާއިލާއެއް މިހާރު ރަށަށް ބަދަލުވެފައިވާކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ އުޅޭތަނަށް ކުލި ދެއްކުމަށް ދަތިވުމާއި ގުޅިގެން އެހީއަށް އެދިފައިވާ ފަރާތްތައްކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު"ގެ ދަށުން ދޭ މާލީ އެހީގެ ތެރޭގައި ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވަންސްގެ ގޮތުގައި 6 މަސް ވަންދެން އާއިލާއަކަށް 3000 ރުފިޔާއެވެ. އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުގެ އިންސައްތައާއި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ޚަރަދުގެ ވަކި އިންސައްތައެކެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ. މި ލޯން ދިނުމަށްޓަކައި މިމަހުގެ 10 ވަނަ ދުވަހު ބީއެމްއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށްވެސް މިިނިސްޓްރީން ވިދާޅުވެއެވެ.

އެހީއަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުންނަން ޖެހެއެވެ. އަދި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.

މީގެ އިތުރުން އެ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާންޖެހެއެވެ. މި ޤަވާއިދުގައި ވާގޮތުން މާލީ އެހީ ދޭނަމަ އެމީހަކީ ފަޤީރުކަމުގެ ހާލަތު ދެނެގަތުމާއި ގުޅޭގޮތުން އެންސްޕާއިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާންޖެހެއެވެ.

މި ޤަވާއިދުގައި ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށެވެ. އަދި ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށެވެ.