ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު ވެކްސިން ޖެހީ 599 މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 599 މީހުން ޖަހައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރުވެސް ވެކްސިންދިނުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގެ ސެންޓަރުތަކުގައި އެކަންޏެވެ.

ކޯވިޑް-19އިގެ ވެކްސިންގެ ފުރަތަމަ ޑޯޒް، މާލެ ސެންޓަރުތަކުގައި ދިނުން ވަގުތީގޮތުންވަނީ މެދުކަނޑާލާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިންޖެހުމަށް އެޗްޕީއޭއިން އަންނަނީ ތައްޔާރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ދިނުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގައި ހުރި ވެކްސިން ސެންޓަރުތަކުގައި އެކަންޏެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 599 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 218،645އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 599 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 97،015އެވެ.

އާއްމު އުސޫލުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަޙައްދުގައި މިހާރުވަނީ މުޅިން ހުއްޓާލާފައެވެ. މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 121،630އެވެ.

އަތޮޅުތަކުގެ 169ސެންޓަރުން ވެކްސިން ދިނުމުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

18 އަހަރުން މަތީގެ މީހުންނަށް، މުޅި މުޖުތަމަޢުއަށް ހުޅުވާލައިގެން ވެކްސިން ދިނުން މާލޭގައި ކުރިއަށްގެންދިޔައީ މިމަހުގެ 15 ދުވަހުގެ ނިޔަލަށެވެ. ސަރުކާރުން މިހާރު އަންނަނީ ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންނެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 50% މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.