ޚަބަރު

ހޯރަފުށީގައި ތަރައްޤީކުރާ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި


ހއ.ހޯރަފުށީގައި ތަރައްޤީކުރާ އައިސް ޕްލާންޓްގެ ބިންގާ އަޅައިފިއެވެ.

މި އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެކެވެ. ހޯރަފުށީގައި އައިސް ޕްލާންޓެއް ތަރައްޤީކުރުމުގެ މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ މިފްކޯއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

އައިސް ޕްލާންޓްގެ މަސައްކަތް ފެށުން ފާހަގަކުރުމަށް ހއ.ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ރަށުގެ ކެޔޮޅުންނެވެ. ހޯރަފުށީގައި ތަރައްޤީކުރާ 25 ޓަނުގެ އައިސް ޕްލާންޓަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޗަމްޕާ ބްރަދަރސްގެ މަލީ އެހީގައި، 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ޕްލާންޓެކެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، ހޯރަފުއްޓާ އަދި ބޮޑުތިލަދުންމައްޗަކީ އުތުރުގެ މަސްވެރިކަމުގައި މުހިންމު ދަޢުރެއް އަދާކުރާ ސަރަޙައްދެއްކަމަށެވެ. އުތުރުގައި އެ ސަރަޙައްދުގެ މަސްވެރިން މިހާރު އައިސް ހޯދަނީ އިހަވަންދޫގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓުންނެވެ. ނަމަވެސް އިތުރު އައިސް ޕްލާންޓްތައް ޤާއިމުކޮށް، ޑިމާންޑާ އެއްވަރަށް އައިސްލިބުމަކީ ސަރަޙައްދުގެ މަސްވެރިން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ.

މުޙައްމަދު ވަހީދު ވިދާޅުވީ މިފްކޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތަކީ ރަށަށް އިތުރު ގޮތްތަކުންވެސް މަންފާ ލިބޭނެ މަސައްކަތެއްކަމަށެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ބިމު ކުއްޔާ، އަދި ސާފު ފައިދާގެ %20 ރަށު ކައުންސިލަށް ލިބޭގޮތަށެވެ.

"ބޭނުންވަނީ މި ސަރަޙައްދަކީ އިޤްތިޞާދީ ފުދުންތެރި ސަރަހައްދަކަށްވުން. އާ ވަޒީފާތައް އުފެދި ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވާނެ. މަސްވެރިކަމާ އަދި ވަޒީފާގެ ދާއިރާތަށް އިތުރުވުމުން ރަށުގައި ދިރިއުޅޭ އާބާދީވެސް ބޮޑުކުރެވޭނެ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކަނޑު އުޅަނދު ގެންގުޅޭ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކާ ރަށުގައި ސްލިޕްވޭއެއް ހެދުމަށްވެސް ނިންމާފައިވާކަމަށެވެ.

އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުޅި އުތުރުގެ މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ މަޝްރޫޢުއެއްކަމަށެވެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއެކު މަސްވެރިން އަތުން މަސް ގަންނަ މިންވަރު އިތުރުވެ، މަސް ކިރަން ކިއުގައި ހުންނަޖެހޭ ޖެހުމަށް ޙައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ ފަސޭހައިން މަސްކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް އިތުރު ދެ ބޯޓުވެސް ފެލިވަރުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ.

"ހޯރަފުށީގައި ހަދާ 25 ޓަނުގެ އައިސް ޕްލާންޓާއެކު އުތުރުގެ ކެޕޭސިޓީ 75ޓަނަށް އިތުރުވާނެ. މިހާރު ފަށާފައިވާ މަޝްރޫޢުގައި ފެލިވަރުގެ ފްރީޒިންގ ކެޕޭސިޓީއާ ޕްރެސެސްކުރެވޭ މިންވަރު އިތުރުވެ މުޅި އުތުރަށް ބޮޑު ބަދަލެއް އަންނާނެ." އިސްމައިލް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތުގެދަށުން މިހާރުވެސް ރާއްޖޭގެ 29 ރަށުގައި 54 އައިސް ޕްލާންޓް އަންނަނީ ހިންގަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 13 އައިސްޕްލާންޓް އެޅުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.