ޚަބަރު

ކޯވިޑް-19 ދިފާޢު: ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް އަލުން ފުރުޞަތު ދެނީ


މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ޖެހުމަށް އަލުން ހުޅުވާލާނެކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން ވިދާޅުވީ ވެކްސިން ޖެހުމަށް ހުޅުވާލާ ތާރީޚް ފަހުން އިޢުލާންކުރާނެކަމަށެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށީ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ޢާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުން މިމަހުގެ 15ވަނަ ދުވަހުން ފަށައިގެންވަނީ ނިމުމަކަށް ގެނެސްފައެވެ. ހެލްތް މިނިސްޓްރީއިން ނިންމީ 15ގެ ފަހުން، ޚާއްސަ ޚާއްސަލަތްތަކުގައި ފުރަތަމަ ޑޯޒްގެ ވެކްސިން ދޭންޖެހޭ މީހުންނަށް އެކަނި ވެކްސިން ދިނުމަށެވެ.

ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިހާރު މިވަނީ، މާލެ ސަރަޙައްދުގައިވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ އެންމެނަށްވެސް އަލުން ފުރުޞަދު ދިނުމަށް ނިންމާފައެވެ. އެޗްޕީއޭއިން ވިދާޅުވީ ފުރަތަމަ ޑޯޒް އަލުން ޖަހަން ފަށާނެ ދުވަހެއް އިޢުލާންކުރާނެކަމަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިއިތު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ދިނުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގައި ހުރި ވެކްސިން ސެންޓަރުތަކުގައި އެކަންޏެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 449 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 21،8046އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 449މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 96،416އެވެ. މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 121،630އެވެ.

އަތޮޅުތަކުގެ 169ސެންޓަރުން ވެކްސިން ދިނުމުގެ ޚިދުމަތްދަނީ ދެމުންނެވެ. އަދި މާލޭގެ 8 ސެންޓަރަކުންނާ، 2 މޯބައިލް ވެކްސިން ޓީމްވެސް ދަނީ ވެކްސިން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ސަރުކާރުން މިހާރުދަނީ ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންނެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %50އާ ގާތްކުރާ އަދަދަކަށް މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.