ޚަބަރު

މަންޒަރު ބަދަލުވެއްޖެ ؛ އުމްރާނީ ތަރައްޤީގެ ޢަމަލީ މަސައްކަތުގައި އަންހެނުން!


ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން ރަށަށްކުރާ އުމްރާނީ ފައިދާގެ އިތުރަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން މަސައްކަތްތައް ކުރިއަށްގެންދަނީ އޭގެ އިޖްތިމާޢީ ފައިދާވެސް ރަށަށް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭނެހެންނެވެ. އެގޮތުން ޒަމާނުއްސުރެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން އުޅޭ މަންޒަރު ބަދަލުކޮށްލުމަށްވެސް އެކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އާރުޑީސީން މަސައްކަތް ކުރިއަށްގެންދާ ރަށްރަށުގައި މަސައްކަތް ފަށާއިރު އެންމެ އިސްކަމެއްދެނީ ރަށުގެ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް، ރައްޔިތުންނަށް އާމްދަނީއެއް ލިބޭގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ. އެގޮތުން އެ ކުންފުނިން ރަށްރަށުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ރަށުން މީހުންނަށް ފުރުޞަތު ދިނުމަށް ވަނީ ފަށާފައެވެ. އެގޮތުން އާރްޑީސީގެ މަސައްކަތު ސައިޓުތަކުގައި ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި އެއްގޮތަކަށްވެސް ނުފެންނަ މަންޒަރަކީ އުމްރާނީ މަސައްކަތްތަކުގައި އަންހެނުން ބައިވެރިވުމެވެ. އާރްޑީސީން މިވަނީ މި މަންޒަރު ބަދަލުކޮށްލާފައެވެ. އާރްޑީސީން މަސައްކަތްތައް ކުރިއަށްގެންދާ ރަށްރަށުގައި އަންހެނުންނަށްވެސް މަސައްކަތްތަކުގައި ބައިވެރިވެ، އާމްދަނީ ހޯދުމުގެ ފުރުޞަތުވަނީ ދޭން ފަށާފައެވެ.

ށ.މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢުގައިވެސް މި މަންޒަރުދަނީ މިގޮތަށް ފެންނަމުންނެވެ. ށ.މިލަންދޫގެ މަގު ހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެން ފެށީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މި މަޝްރޫޢުގެ ދަށުން މިލަންދޫގެ މައި 8 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަށުގެ މަސައްކަތް ޚާއްސަ ވަނީ މިލަންދޫގެ މަގު ހެދުމުގެ މަސައްކަތުގައި ރަށުގެ ގިނަ އަންހެނުންތަކެއް ބައިވެރިވަމުން ދާތީއެވެ.

އާރްޑީސީން ވިދާޅުވީ މިލަންދޫގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ރަށު ރައްޔިތުންގެ ތެރެއިން 40 މީހުންނަށް ފުރުޞަތު ދީފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 32 ފިރިހެނުންނާ 8 އަންހެނުންނެވެ. މިއީ މިގޮތަށް ކޮންސްޓްރަކްޝަނާ ގުޅޭ މަސައްކަތުގައި އެންމެ ގިނަ އަންހެނުން މަސައްކަތްކުރާ ސައިޓެވެ. އާރްޑީސީގެ އައްޑޫ ސައިޓްގައިވެސް އަންހެނުންނަށް ފުރުޞަތު ދަނީ ދެމުންނެވެ.

މިފަދަ އުމްރާނީ މަސައްކަތްތަކުގައި އަންހެނުންނަށް ފުރުޞަތުދޭން ފަށާފައިވަނީ، މި މަސައްކަތަކީވެސް އަންހެނުންނަށް ބައިވެރިވެވޭ އަދި އަންހެނުންނަށް ކުރެވޭނެ މަސައްކަތްތަކަކަށް ވާތީކަމަށް އާރްޑީސީން ވިދާޅުވެއެވެ. އަދި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުވެ، ރަށުގެ އާއްމު ޙާލަތަށް އޭގެ ހެޔޮ ބަދަލު ފެންނާނެތީކަމަށް އާރްޑީސީން ބުނެއެވެ.

އާރްޑީސީގެ ސައިޓްތަކުގައި އަންހެނުން މައިގަޑުގޮތެއްގައި ކުރިއަށްގެންދާ މަސައްކަތަކީ، މަގުތައް ސާފުކުރުމާ، އަދި މަގުތައް ޒީނަތްތެރިކުރުމުގައެވެ. އެގޮތުން މަގުގައި ގަސްއިންދާ މަގުތައް ބެލެހެއްޓުން ހިމެނެއެވެ.

ށ.މިލަންދޫގެ މަގު ހެދުމުގެ މަސައްކަތުގައި އެރަށުގައި 16.5ކިލޯ މީޓަރުގެ މަގުގެ ސަރަޙައްދު އަންނަނީ ތަރައްޤީކުރަމުންނެވެ. އާރްޑީސީން ދަނީ މި މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

އުމްރާނީ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުއައްޒަފުންގެ 85 އިންސައްތައަކީ މިހާރުވެސް ދިވެހިންނެވެ. އެ ކުންފުނީގެ 100 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުމެވެ.