ތަރައްްޤީ

ރަސްދޫއާއި ހިމަންދޫގެ މަލަމަތިން ޒަމާނީ ރައްކާތެރި އިންޖީނުގެ


ސްޓެލްކޯއިން އަތޮޅުތެރޭގައި ޚިދުމަތްދެމުންދާ ރަށްތަކުގައި ބިނާކުރާ ޒަމާނީ އިންޖީނުގެތަކުގެ ތެރެއިން 2 ރަށެއްގެ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. އައު އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ އއ. ހިމަންދޫއާއި އެ އަތޮޅު ރަސްދޫގައެވެ.

އއ. ހިމަންދޫއަކީ ކަރަންޓުގެ ޙިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބެހެއްޓުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. އެކަމުގެ ސަބަބުން ރަށަށް އަންނަމުންދާ ކުރިއެރުމާއި ތަރައްޤީއާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު ސްޓެލްކޯއިން މިވަނީ މުޅިން އައު އިންޖީނުގެއެއް އެރަށުގައި އެޅުމުގެ މަސައްކަތް ފަށާފައެވެ.

ހިމަންދޫގައި މިހާރު ހުރި 533 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި އެރަށުގައި އަލަށް އިމާރާތްކުރުމަށް ނިންމާފައިވަނީ 4 މެގަވޮޓްގެ ޒަމާނީ އިންޖީނުގެއެއްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މި އިންޖީނުގެ ވެގެންދާނީ ހިމަންދޫގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށްވެސް ތަރައްޤީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެއަކަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން އަލަށް އަޅާ އިންޖީނުގޭގެ އިމާރާތާއެކު ހިމަންދޫގެ މަލަމަތި ބަދަލުކޮށްލާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. އަދި މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރާ، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

ހިމަންދޫގެ އައު އިންޖީނުގެއާއެކު، ހިމަންދޫގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމާއި، ފާހަގަތިކަން ލިބި، ހިމަންދޫ ރައްޔިތުންނަށް އައު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކަސްޓަމާ ސާރވިސް އިމާރާތަކާއެކު އަޅާ މި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ޙިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމްތަކާއެކުއެވެ.

ކޯވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެނަމަ، މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށެވެ. އަދި ޑިޒައިނިން މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނެއްގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށް ސޯލަރ ޕެނަލްތައް އެ އިމާރާތުގައި ހަރުކުރެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ހިމަންދޫގެ އިތުރުން ސްޓެލްކޯއިން ދެން ބިންގާ އަޅާފައިވަނީ އއ. ރަސްދޫ އައު އިންޖީނުގޭގެއެވެ. ރަސްދޫގައި އިމާރާތްކުރާ އައު އިންޖީނުގެއާއެކު، އެރަށަށް ބާރު ދުވެލީގައި އަންނަމުންދާ ތަރައްޤީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ލިބި، ފެންވަރު ރަނގަޅު ޙިދުމަތެއް އެރަށުގައި ދެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ރަސްދޫއަކީ ލޯކަލް ޓޫރިޒަމަށް ރާއްޖޭގައި މަޝްހޫރު ރަށަކަށްވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް އެ ރަށުގައި އަންނަނީ ހިންގަމުންނެވެ. ރަސްދޫއަށް އަންނަމުންދާ ތަރައްޤީއާއި އެއްވަރަށް އަދި ރަސްދޫގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެގޮތުން ރަސްދޫގައި މިވަގުތު ހުރި 754 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ އައު އިންޖީނުގެއެއް އެރަށުގައި އެޅުމަށް މިހާރު ވަނީ ނިންމާފައެވެ. އައު އިންޖީނުގެ އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޙިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައެވެ.

ރަސްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއަކީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާ، އެރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެއެވެ. އަދި މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށްކަމަށާއި، އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލަރ ޕެނަލްތަކުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މީގެ އިތުރުން އޮންލައިން މޮނިޓަރިންއާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށްކަމަށްވެސް އެކުންފުނިން ހާމަކުރައްވާފައިވެއެވެ.