ޚަބަރު

އައްޑޫ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއު، 31 ބިން ހަވާލުކޮށް މަސައްކަތް ފަށައިފި


އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ކަނޑައެޅި ބިންތަކުގެ ތެރެއިން 31 ބިމެއް ހަވާލުކޮށްފިއެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް 5 ސަރަހަދެއް ކަނޑައަޅާ 93 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އެ ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ސިޓީގައި 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން ފަތުރުވެރިކަމުގެ ޚާއްސަ ސަރަހައްދުތައް ކަނޑައަޅާ މި ބިންތަކުގައި ގެސްޓް ހައުސާއި ސިޓީ ހޮޓާތައް ތަރައްޤީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާވެސް ލާފައެވެ.

މި ބިންތަކުގެ ތެރެއިން 31 ބިމެއް މިވަނީ ބީލަންތައް ކާމިޔާބުކުރި ފަރާތްތަތަކާއި ހަވާލުކޮށްފައެވެ. މި ބިންތައް އެ ފަރާތްތަކާއި ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ފޭދޫ ޓުއަރިޒަމް ޒޯނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްއެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީ މޭޔަރު އަބްދުﷲ ޞާދިޤާއި ކައުންސިލް މެމްބަރުންވެސް ބައިވެރިވެޑައިގަތެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރާ 93 ބިމުގެ ތެރެއިން ފުރަތަމަ ބިޑަށް ހުޅުވާލީ މީގެތެރެއިން 31 ބިމެކެވެ. އެއީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިމަކާއި، މަރަދޫ ޓުއަރިޒަމް ޒޯނުން ބިމަކާއި ފޭދޫ ޓުއަރިޒަމް ޒޯނުން 12 ބިމަކާއި ހުޅުދޫ ޓުއަރިޒަމް ޒޯނުން 9 ބިމާއި މީދޫ ޓުއަރިޒަމް ޒޯނުން 2 ބިމެވެ. މި ބިންތައް ކާމިޔާބު ކުރި ފަރާތްތަކާއިއެކު އެއްބަސްވުން ތަކުގައި ސޮއިކުރީ މިމަހުގެ 14 ވަނަދުވަހުއެވެ.

މި ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އައްޑޫ ސިޓީގައި ޓައްރަިޒަމް މަސައްކަތް ވީހާވެސް އަވަހަށް ފެށުމަކީ ސަރުކާގެ ބޮޑު އަމާޒެއްކަމަށެވެ. މި މަސައްކަތް ދެމެހެއްޓެނެވި ގޮތަކަށް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އަލަށް ހަވާލުކުރިން ބިންތަކުގައި ހޮޓާތައް އެޅުމަށް އިންވެސްޓަރުން ހޯދުމުގައިވެސް ސަރުކާރުން އެހީތަރެިކަން ފޯރުކޮށްދެއްވާނެކަމަށެވެ.

" މިހަވާލު ކުރި ބިންތަައް ހޮޓާ ތަކަށް ބަދަލު ކުރުމުގައި ޓުއަރިޒަމް މިނިސްޓްރީން އެބޭފުޅުންނާއި އެކު މަސައްކަތް ކުރާނެ. ދިވެހި އިންވެސްޓަރުން ލިބޭތޯ މަސައްކަތް ކުރާނެ. ދިވެހި އިންވެސްޓަރުންނަށް ވުރެ ބޭރަށް ގޮސްގެން ބޭރު އިންވެސްޓަރުން ލިބޭތޯވެސް މަސައްކަތް ކުރާނެ. އައްޑޫގައި އަޅުގަނޑުމެންނަށް މިފެށުނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އަޅުގަނޑު އުއްމީދު ކުރަނީ މުޅި ރާއްޖޭގައި މި ޕްރޮޖެކްޓް ނަކަލް ވެގެން ދާނެ ކަމަށް. ބިން ބޮޑު ކޮންމެ ރަށެއްގައި ނަކަލް ވެގެން ދާނެ ކަމަށް." ޓްއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

"
މިހަވާލު ކުރި ބިންތަައް ހޮޓާ ތަކަށް ބަދަލު ކުރުމުގައި ޓުއަރިޒަމް މިނިސްޓްރީން އެބޭފުޅުންނާއި އެކު މަސައްކަތް ކުރާނެ. ދިވެހި އިންވެސްޓަރުން ލިބޭތޯ މަސައްކަތް ކުރާނެ. ދިވެހި އިންވެސްޓަރުންނަށް ވުރެ ބޭރަށް ގޮސްގެން ބޭރު އިންވެސްޓަރުން ލިބޭތޯވެސް މަސައްކަތް ކުރާނެ. އައްޑޫގައި އަޅުގަނޑުމެންނަށް މިފެށުނީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އަޅުގަނޑު އުއްމީދު ކުރަނީ މުޅި ރާއްޖޭގައި މި ޕްރޮޖެކްޓް ނަކަލް ވެގެން ދާނެ ކަމަށް.
ޓުއަރިޒަމް މިނިސްޓަރ - ޑރ. އަބްދުﷲ މައުސޫމް

ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސާދިޤް ވިދާޅުވީ 4000 އެނދަށް ބިން ދޫކުރުމަށް ފަހު އެ މަސައްކަތް ނިންމާލެއްވީ ނޫންކަމަށެވެ. މިގޮތުން މިހާރު މި ސަރަހައްދުތަކުގެ ލޭންޑްސްކޭޕް މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ރޯދަ މަސް ނިމުމުގެ ކުރިން މިސަރަހައްދުތަކަށް ކަރަންޓު ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް މޭޔަރ ސާދިޤް ވިދާޅުވިއެވެ.

އައްޑޫގައި ޓުއަރިޒަމް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާ އޭގެތެރެއިން 31 ބީމެއް ހަވާލުކޮށް މިވަނީ ނިމިފައެވެ. އަނެއް 62 ބިމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ކަނޑައެޅި ސރަހައްދުތަކުގެ ތެރެއިން އެންމެ ގިނަ ބިން ދޫކުރަން ހަމަޖެހިފައިވަނީ ހިތަދޫންނެވެ.

ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯނުން " 30 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. ދެން ބިންތައް ކަނޑައަޅާފައިވަނީ ހުޅުދޫ "ކޭވަށް ބީޗް މާފިޝި ޓޫރިޒަމް ޒޯނުން" 25 ބިމަކާއި މީދޫ " ކޯގަންނު ބީޗް މުލިމަތި ޓޫރިޒަމް ޒޯނުން " 16 ބިމަކާއި " ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯނުން " 24 ބިމަކާއި މަރަދޫ އަވަށުން 10000 އަކަފޫޓުގެ ބިމެކެވެ.

ޣައިސުރު

ތީ ވަގުން އުޅޭ ތަނެއް،ޓޫރިޒަމް ޕްރޮމޯޓް އެއް ނުކުރެވޭނެ ތި އައްޑޫގައި،ވައްކަން ކުރާ މީހުން ގިނަވެގެން އެތަށްބަޔަކު މިހާރު ޓޫރިޒަމް ހުއްޓާލައިފި ތި އައްޑޫގައި،މި ކޮމެންޓް ޖަހާލަދީ ހަގީގަތް ދެންތިބި ރައްޔިތުން ނަށް ހާމަ ކޮށް ދިނުމަށް،