ޚަބަރު

ފިޔަވަޅުތަށް އިތުރަށް ވަރުގަދަކުރުމުގެ ވިސްނުމެއް މިވަގުތު ނެތް - ޓެގް


ކޯވިޑް-19 ފެތުރުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކުރުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް ކޯވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވިދާޅުވެއްޖެއެވެ.

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގްގެ މެންބަރު ޑރ.ޝަހީދު ވިދާޅުވީ ކޯވިޑް-19 ފެތުރެމުން އަންނަ މިންވަރަށް ބަލާއިރު، ބަލިޖެހޭ މީހުންގެ އަދަދު މިވަގުތަށް އެއްހަމައެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެވޭކަމަށެވެ. ނަމަވެސް ކަންބޮޑުވާ ގިނަ ކަންތަންތައްތަކެއް، އެއްކޮށްފައިވާ މަޢުލޫމަތުތަކުން ހާމަވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫކްލިނިކަށް ދައްކާ މީހުންގެތެރެއިން، %7 މީހުން ބައްޔަށް ޕޮޒިޓިވްވާކަމަށެވެ. އަދި ކޭސްތަކާ ގުޅުމެއް ނެތް، ރެންޑަމް ސާމްޕަލްތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށްވެސް އިތުރުކަން ފާހަގަވާކަމަށެވެ. މިއީ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރިފައިވާ މިންވަރު ހާމަވާ ކަމެއްކަމަށް ވިދާޅުވެ، ޑޮކްޓަރވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ބޭރުތެރެއިން، ތަންތަނަށް ފުރާމީހުން ނޫނީ ކޭސްތަކާ ގުޅުމެއް ނެތް ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު ނިސްބަތުން އިތުރު. މީގެން ބުނެދެނީ ބަލި އޮތް މިންވަރު. މި އަދަދު އެންމެ މަތިވީ ފެބްރުއަރީ މަހު. ނަމަވެސް ފާއިތުވި ހަފްތާފައި އަނެއްކާވެސް އިތުރު." ޑރ.ޝަހީދު ވިދާޅުވިއެވެ.

ފްލޫ ކްލިނިކާއި ރެންޑަމް ސާމްޕަލްތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވިނަމަވެސް، ޖުމްލަކޮށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހިފެހެއްޓެމުން އަންނަކަން ތަފާސްހިސާބުތަކުން ހާމަވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ވިދާޅުވީ ބަލީގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު މަދުވުމާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުކުރެވެމުން އަންނަކަން މިހާރު ފާހަގަކުރެވޭކަމަށާ މިއީ ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. މިދިޔަ މަހު ބަލީގައި 11މީހުން ނިޔާވިއިރު، ބޭތުވެދިޔަ 2ހަފްތާގައި ބަލީގައި ނިޔާވީ 2މީހުންނެވެ. ނަމަވެސް މިގޮތުގައި ބޭއްވުމަށް ޕޮޒިޓިވް އަދަދު ދައްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ އިތުރަށް ފިޔަވަޅުތައް ވަރުގަދަކުރުމުގެ ވިސްނުން ޓެގުން ނުގެންގުޅޭކަމަށެވެ. އޭގެ ބަދަލުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު އެންމެން އެކުގައި ބަލިން އަރައިގަތުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

"މިވަގުތަށް ޙާލަތު އެއްވަރެއްގައި ހިފެހެއްޓިފައި މިއޮތީ. އިތުރަށް ފިޔަވަޅު ވަރުގަދަކުރާކަން ގަސްތެއް ނުކުރަން. ނަމަވެސް ކޮންމެ ހަފްތާއެއްގެ ބަލީގެ ޓްރެންޑަށް ބަލާ މިކަންކަން ނިންމާނީ." ޑރ.ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ގުނަމުން މިދަނީ ކޯވިޑް-19ގެ ތިންވަނަ ރާޅެވެ. އެވަރެޖްކޮށް ކޭސްތަކުގެ ޢަދަދު ކޮންމެ ދުވަހަކުވެސް އުޅެނީ 100އިން މަތީގައެވެ. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22،000އިން މައްޗަށްވަނީ އަރާފައެވެ.