ޚަބަރު

ޔޫޓީއެފް ފުރަތަމަ ޑްރާފްޓެއް، މިހާރު ރިޝްވަތުގެ ވާހަކަތައް


އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ސިފައިންގެ އިސްވެރިން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލާގައި އެއްވެސް މަޢުލޫމާތެއް ހެއްކެތް ނެތުމުގެ ސަބަބުން އެމައްސަލަ ނުބަލަން އެކޮމިޝަނުން ނިންމަވައިފިއެވެ.

އޭސީސީން ވިދާޅުވީ އެކޮމިޝަނަށް މައްސަލަތައް ބަލައިގަތުމުގައި ބަލާ މިންގަނޑުތަކެއް ހުންނަކަމަށާ، މިމައްސަލަ އެމިންގަނޑަށް ފެތޭވަރަށް މަޢުލޫމާތު ފުރިހަމަވެފައި ނުވާކަމަށެވެ.

މިދިޔަ ހަފްތާގެ ފަހުކޮޅުން ފެށިގެން އެންމެ ބޮޑަށް ރާއްޖޭގެ ސިޔާސީ މަސްރަޙުގައިވެސް އަދި ނޫސްތަކުގައިވެސް ދެކެވެމުންދަނީ ރާއްޖެއާއި އަވަށްޓެރި އިންޑިއާ އާ ދެމެދު މިދިޔަ މަހު ސޮއިކުރި އުތުރު ތިލަފަޅުގައި ސިފައިންގެ ބަނދަރަކާއި ޑޮކްޔާގެއް ތަރައްޤީކުރުމަށް ކުރެވުނު އެއްބަސްވުމާއި ގުޅޭވާހަކަތަކެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނެ ބަޔަކު ޢާއްމުކުރި ލިޔުމަކާއެކު އެ އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާފާނެ ފަދަ ކަންކަން ނުވަތަ މާއްދާތަކެއް ހުރި އެއްބަސްވުމެއްކަމަށް ބުނެ ބައެއް މީޑިއާތަކާއި ސިޔާސީ ބައެއް ފަރާތްތަކުންވެސް ދިޔައީ ކަންބޮޑުވުން ފާޅުކޮށް އެތައް ވާހަކައެއް ދައްކަމުންނެވެ.

މިކަމާއި ގުޅިގެން އާންމުންގެ ތެރޭގައި އެތައް ކަންބޮޑުވުންތަކެއް ހުރިކަން ސޯޝަލް މީޑިއާއާއި އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް މީހުން ހިއްސާކުރާ ވާހަކަތަކުން އެނގިގެންދެއެވެ. ސަބަބަކީ ރާއްޖޭގެ ޤައުމީ ސަލާމަތާއި މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުމެއް ވެދާނެ އެއްވެސްކަމަށް ދިވެހިން ތަރުޙީބު ނުދޭތީއެވެ.

ނަމަވެސް އިތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދައުރުކުރަމުންދަނީ ހަޤީގަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަމާއި، ލީކުކޮށްލާފައިވާކަމަށް ބުނާ ލިއުމަކީ އެއްބަސްވުމުގެ ކޮޕީއަކަށް ނުވާތާގައި އެއީ އޭގެ ޑްރާފްޓް މަރުޙަލާގައި އޮތް ލިއުމާވެސް ގުޅުމެއްނެތް އަސްލެއް ނެތް ލިއުމެއްކަމަށް، ދިވެހި އަސްކަރިއްޔާ އާއި ޑެފެންސް މިނިސްޓްރީން ރައްޔިތުންނަށް ހާމަކޮށްދެއްވީ ޔަގީންކަމާއެކުއެވެ. އަސްކަރިއްޔާގެ އެންމެ އިސްވެރިން ނުކުމެ އެކަމުގެ ޙަޤީގަތް ހާމަކޮށްދެވީ ސާބިތުކަމާއިއެކުއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަ ނުދޭނެކަމަށް އެބޭފުޅުންވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭނެފަދަ އެއްވެސް އެއްބަސްވުމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަނުދޭނެކަަމަށާ، ދިވެހި ސިފައިންނާ ގުޅޭގޮތުން އަސްލެއްނެތް ދޮގު ވާހަކަތައް ނުފެތުރުމަށް ސިފައިންގެ އިސްވެރިންވަނީ އިލްތިމާސްކުރައްވާފައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި ޑިފެންސް މިނިސްޓްރީންވެސް ވަނީ އެކަން ކަން ތަފީސީލުކޮށްދެއްވާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތު ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮންމެއަކަސް އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ބަޔަކު ފަތުރަމުންދިޔައީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން ހާމަވުމުން އަނެއްކާވެސް ސިފައިންނާ މެދު ޢާއްމު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމު އުފެއްދުމަށް ބައެއް މީހުންދަނީ މަސައްކަތްކުރަމުންނެވެ. ދެން އިވިގެންދިޔައީ އަސްކަރިއްޔާގެ އިސްވެރިންނަށް ނިސްބަތްކޮށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރި އަޑުތަކެވެ. އެމްއެންޑީއެފްގެ އިސްވެރިން މިކަމުގައި ރިޝްވަތު ނަންގަވާފައިވާކަމަށް ބުނެ ބަޔަކުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) މައްސަލައެއް ހުށައަޅާފައެވެ. އެހެންނަމަވެސް އެއީ މައްސަލައަކަށްވެސް ނުވާކަން މިހާރުވަނީ ހާމަވެފައެވެ. އެންމެ އާދައިގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާއިރު އޭގައި ފުރިހަމަވާންޖެހޭ ކަންކަންވެސް މިހުށަހެޅި މައްސަލާގައި ފުރިހަމައެއް ނުވެއެވެ. އެއީ އެއްވެސް އޮއްޓަރެއްނެތް ޝަކުވާއެއްކަމަށް އޭސީސީންވަނީ ނިންމަވާފައެވެ. މިމައްސަލަ އޭސީސީންވަނީ ނުބަލަން ނިންމާފައެވެ.

މިކަމާއި ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ހުށައަޅާފައިވާ އެމްއެންޑީއެފްގެ އިސްވެރިންގެ މައްސަލަ ނުބަލަން ނިންމާފައިވަނީ އެކަމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލާގައި އެކަށީގެންވާ ވަރަށް މައުލޫމާތާއި ހެކިވެސް ނެތުމުންކަމަށެވެ.

"އަޅުގަނޑުމެން މައްސަލައެއްގޮތަށް ރަޖިސްޓަރ ކުރާނީވެސް އެޝަކުވާއެއް ވަޒަންކުރުމަށްފަހު. މި ހުށައެޅުނު ޝަކުވާ ވަޒަންކުރިއިރު އަޅުގަނޑުމެންނަކަށް ނުފެނޭ އެމައްސަލައެއްގެ ގޮތުގައި. އަދި ޚާއްސަކޮށް ކޮރަޕްޝަންގެ ތުހުމަތެއް މީހެއްގެ މައްޗަށް ކޮށްފައި ހުށައަޅާއިރު އެއާއެކީގައި ކޮންމެވެސް ވަރެއްގެ މައުލޫމާތުވެސް ހުށައަޅަންޖެހޭނެތާ. ކީއްވެގެންތޯ ހުށަހަޅަނީވެސް. އެކަހަލަ އެއްވެސްކަމެއް ނެތް އެޝަކުވާއަކު" ޝިއުނާ ވިދާޅުވިއެވެ.

އޮށްޓަރެއްނެތް ޝަކުވާއެއްކަމަށް ނިންމައި އޭސީސީން އެމައްސަލަ ނުބަލަން ނިންމުމުންވެސް އެނގިގެންދިޔައީ ކުރިން ޔޫޓީއެފްގެ އެގްރީމެންޓް ކަމަށްބުނެ ދައުރުކުރި ލިޔުމާއެއްގޮތަށް މިހުށައެޅުނު މައްސަލައަކީވެސް ހަޤީގަތެއްނެތް މައްސަލައެއްކަމެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީންވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލައި އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާ ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށު ދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވައި ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެކަމަށްވެސް ޑިފެންސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުންކަމަށެވެ.

ދިވެހި އަސްކަރިއްޔާއާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަތައް ބައެއް މީޑިއާތަކާއި ސިޔާސީ ބައެއް ފަރާތްތަކުން ފަތުރަމުންދާއިރު، ކޮންމެ ޤައުމެއްގައިވެސް އަސްކަރިއްޔާގެ ވެރިންނަކީ އެޤައުމެއްގެ ރައްޔިތުންގެ ޤަދަރާއި އިޙްތިރާމް ލިބިގެންވާ ފަހުލަވާނުންތަކެކެވެ. ޤައުމައްޓަކައިވާ ޤުރިބާނީ އާއި އަދާކުރާ ބުރަ ޒިންމާގެ ސަބަބުން ވަރަށްބޮޑު އިތުބާރެއް ލިބިފައިވާބައެއެވެ.

ދިވެހި ސިފައިންނަކީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލުގެ ކުރިމަތީގައި ފުރާނައިން ޤުރްބާންވާން ތައްޔާރަށް ތިބިކަން މާޒީގައި ދައްކުވައިދީފައެވެ. އެހެންކަމުން އެފަދަ މަތިވެރި ޤުރުބާނީއެއް ޤައުމައްޓަކައި ވަމުންދާ ބައެއްގެ އަގުވައްޓާލައި މުޅި އަސްކަރިއްޔާއަށް ރައްޔިތުންކުރާ އިތުބާރާއި ޔަޤީންކަމަށް ބުރޫ އަރާފަދަ ގޮތަކަށް އަމަލުތައްބަހައްޓައި ތެދުނޫން ވާހަކަ ފަތުރާނަމަ އެކަންކުރާ ބަޔާކާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހެއެވެ. އެއީ ދުނިޔޭގެ އެހެންޤައުމުތަކުގައިވެސް އެކަންކުރާގޮތެވެ.