ޚަބަރު

އާޅާނުލާ ދޫކޮށްލިތަން އާ ފިޝިންގ ޕްލެޓްފޯމަކަށް، ޖާގަ ތަނަވަސް ހިތްފަސޭހަވާނެ


އެސްޓީއޯގެ އެހީގައި މާލެ ވެސްޓް ޕާކު ސަރަޙައްދުގައި މީގެ އަހަރުތަކެއް ކުރިން ހެދި މަސްބާނާ ޕްލެޓްފޯމަކީ އާއްމުންގެ މެދުގައި މަޤުބޫލު ތަނެކެވެ. ނަމަވެސް ޕްލެޓްފޯމް ބާވެ ހަލާކުވެ، ރައްކާތެރި ނޫންކަމަށް ބަލާ އެތަން މިހާރުވަނީ ބޭނުންކުރުން މަނާކޮށްފައެވެ. ސިޓީކައުންސިލުންވަނީ އެތަނުގައި ޒަމާނީ ފިޝިންގ ޕްލެޓްފޯމެއް އެޅުމަށް ނިންމާފައެވެ.

އާޅާނުލާ ދޫކޮށްލާފައިވާ މާލޭ ވެސްޓް ޕަރކް ސަރަޙައްދުގެ މަލަމަތި ބަދަލުކޮށްލުމުގެ މަސައްކަތް ސިޓީ ކައުންސިލުންވަނީ ފަށާފައެވެ.
އެގޮތުން އެ ސަރަޙައްދު ސާފުކޮށް މީހުން މަޑުކޮށްލައިގެން ތިބެވޭގޮތަށާ، ކަސްރަތުކުރެވޭގޮތަށް ޕާކެއް ތަރައްޤީކޮށް މިހާރުވަނީ އެތަށް އާއްމުންނަށް ބޭނުންކުރަން ހުޅުވާލާފައެވެ.

މާފަންނު ވެސްޓްޕާކު ސަރަޙައްދުގައި ހުރި އާއްމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ތަނަކީ އެ ސަރަޙައްދުގައި ހުރި މަސްބާނާ ޕްލެޓްފޯމެވެ. ޒަމާންތަކެއް ވެފައިވާ ޕްލެޓްފޯމަކީ މާލެ މާފަންނު ރައްޔިތުންގެ އިތުރަށް، އެކި އަވަށްތަކުން މީހުން ގޮސް މަސް ބޭނުމަށް ބޭނުންކުރި ސަރަޙައްދެކެވެ. އަދި އެ ސަރަޙައްދުގެ މޫދުގައި ސްނޯކުލްކުރަންދާ މީހުންވެސް ގިނައެވެ.

ނަމަވެސް ދުވަސްވެ ޕްލެޓްފޯމް މިހާރުވަނީ މުޅިން ބާވެ ހަލާކުވެފައެވެ. ރައްކާތެރިކަން ކުޑަވެފައިވާ ޕްލެޓްފޯމް ބޭނުންކުރުން، ވަގުތީގޮތުން ސިޓީކައުންސިލުންވަނީ މަނާކޮށްފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްލެޓްފޯމަކީ މުޅި އެ ސަރަޙައްދަށްވެސް މުހިންމު ޕްލެޓްފޯމެއްކަމަށާ، ޕްލެޓްފޯމް މުޅިން ނެގުމުގެ ބަދަލުގައި އަލުން މަރާމާތުކޮށް އެތަށް ބޭނުންކުރެވޭގޮތަށް ހަދަދިދިނުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާކަމަށެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ މި ޕްލެޓްފޯމް ޒަމާނީ ހިތްގައިމު "ފިޝިންގ ޕްލެޓްފޯމް"އަކަށް ހެދުމަށް ނިންމާފައެވެ. މާލެ ވެސްޓް ޕަރކް ސަރަޙައްދުގައި ހުރި ޕްލެޓްފޯމަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓޯއޯގެ އެހީގައި މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ ތަނެކެވެ. ސިޓީ ކައުންސިލުން މީގެކުރިން މަޢުލޫމާތުދިން ގޮތުގައި ޕްލެޓްފޯމް އަލުން ޒަމާނީ ފެންވަރަށް މަރާމާތުކުރުމަށްވެސް ހަމަޖެހިފައިވަނީ އެސްޓީއޯގެ އެހީތެރިކަމާއެކުއެވެ.

އަދި ޕްލެޓްފޯމްގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދާނީ އެމްޓީސީސީއިންނެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މިކަމާ ގުޅިގެން ހަދަންޖެހޭ ޓެކްނިކަލް ސަރވޭތައް ހަދަމުންދާކަމަށެވެ.

ސިޓީ ކައުންސިލުންވަނީ އާ ޕްލެޓްފޯމްގެ ކުރެހުންތައް ދައްކާލާފައެވެ. އަލަށް ހަދާ ޕްލެޓްފޯމްހަދާނީ، މިހާރުގެ ޕްލެޓްފޯމްވެސް ހުރި ތަކުގައެވެ. އާ ޕްލެޓްފޯމް ހަދާނީ މަސްބާނަންދާ މީހުންނަށް ފަސޭހަވާނެގޮތަށް ޖާގަ ތަނަވަސްކޮށެވެ. އަދި ހިޔާކޮށްފައި އޮންނަ ސަރަޙައްދަކާ، އިށީނދެލައިގެން ތިބެވޭގޮތަށް ޕްލެޓްފޯމްގައި ބެންޗުވެސް ޖަހާނެއެވެ. އަދި އެ ސަރަޙައްދުން ފަސޭހައިން މޫދަށް ފޭބޭ ގޮތަށް ސިޑިބަރިއެއްވެސް ލާނެއެވެ.

ސިޓީކައުންސިލުން މީގެކުރިން ވިދާޅުވީ ޕްލެޓްފޯމްގެ މަސައްކަތް ވިހާވެސް އަވަހަށް ފަށާ، މި އަހަރުގެ ތެރޭގައި ޚިދުމަތަށް ހުޅުވާލާނެކަމަށެވެ.މަސް ބާނާ ޕްލެޓްފޯމް ބާވެ ބައެއް ވެއްޓި، 2020ވަނަ އަހަރުވަނީ 2މީހަކަށް އަނިޔާވެސްވެފައެވެ. ޕްލެޓްފޯމް ބަންދުކުރީ މި ޙާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ.