ޚަބަރު

ތިމާވެއްޓަށް ގެއްލުން ނުވާގޮތަށްވެސް ޤައުމު ތަރައްޤީކުރެވޭނެ: ރައީސް ނަޝީދު


ތިމާވެއްޓަށް ގެއްލުން ނުވާގޮތަށްވެސް ތަރައްޤީ ޙާސިލުކުރެވޭނެ މަގު އެބައޮތްކަމަށާއި ރާއްޖެއިން އެފަދަ ގޮތްތައް ޚިޔާރުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބައްދަލުވުމާ ބެހޭ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބަދަލުގެންނަން ޖެހޭކަމަށެވެ. އެގޮތުން ހަމައެކަނި ރާއްޖެއަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ވަކާލާތުކުރުމުގެ ބަދަލުގައި ޤައުމުތަކުން ތިމާވެށި ޙިމާޔަތްކުރުމަށް ޢަމަލުކުރަންވީ ޕްލޭންތައް ތައްޔާރުކޮށް އެފަދަ ޕްލޭންތަކަށް ބާރުއަޅާ ޤައުމަކަށް ރާއްޖެ ބަދަލުވާންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްޤީގެ ކަންކަން ރާއްޖޭގައި ކުރިއަށް ގެންދިޔުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތްތައް ހުރި އިރު އެގޮތްތައް ކުރިއެރުވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންނަށް އެބައޮތް ފެނުތެރޭ އުޅެވޭނެ ގޮތް. ފްލޯޓިންގ ހައުސިންގ ވަރަށް ކާމިޔާބުކަމާއެކު އަބަދޭ ކުރިއަށް. އެކަމުގެ ނަތީޖާވެސް ރަނގަޅު. މިދަނީ އެދިމާލަށް މިހާރު. ފަރުތަކާއި ބިން ނުހިއްކާވެސް އެއަރޕޯޓު އެޅޭނެ. އެމިސްރާބަށް ދާން އެބަޖެހޭ. ހަމައެކަނި އިނގޭ ކަންކަމަށް އެކަނި ބަރޯސާވެގެން ތިބެގެން ނުވާނެ. އެގޮތަށް ތިބެންޏާ ރާއްޖެވެސް އަދި މުޅި ދުނިޔެވެސް އަޅުގަނޑުމެނަށް ސަލާމަތެއް ނުކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޤައުމަކުން ތިމާވެއްޓަށް ގެއްލުން ނުވާނޭ ގޮތަށް ތަރައްޤީ ގެނައުމަށް އިސްނަގަންޖެހޭކަމަށެވެ. އަދި މިކަމަށްޓަކާ ހުރިހާ ފަރާތަކުންވެސް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން އެންމެ ފުރަތަމަ ބިލް ހުށައެޅިގޮތަކަށް ނޫން މިހާރު ބިލް އޮތީ. އެއަށްވުރެ މާ ފުރިހަމަކޮށް ބިލް މާބޮޑަށް ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު މުހިއްމު ބަދަލުތަކެއް މިވަނީ ގެންނަވާފަ." މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން ކުރިމަތިވާނޭ ނުރައްކާ އަންގައިދިނުމަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެކުލަވާލަން މަސައްކަތްކުރާ ބިލްގެ ނަން ވަނީ ކްލައިމެޓް އެމަރޖެންސީ ބިލްގެ ނަމަށް ބަދަލުކޮށްފައެވެ. މިއީ މުޅި ދުނިޔޭގައިވެސް އެކުލަވާލެވޭ މިބާވަތުގެ އެންމެ ފުރަތަމަ އެއް ބިލްކަމަށް ރައްޔިތުންގެ މަޖިލީހުން ފާހަގަކުރައްވައެވެ.

މިބިލްގެ ސަބަބުން ސަރުކާރުން އަމާޒުހިފާފައިވާ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ނުވަތަ އިޔާދަކުރަނިވި ހަކަތައަށް 100 އިންސައްތަ ބޭނުންކުރާ ޤައުމަކަށް ހެދުމުގައިވެސް އެހީތެރިވެދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވިދާޅުވެއެވެ. މިބިލް ޤާނޫނަކަށް ވުމާއެކު ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ކާބަން ބަޖެޓް ނުވަތަ ހަކަތައިގެ ދާއިރާއިން ވިހަގޭސް ބޭނުންކުރާ މިންވަރު ހިމެނޭ ޚާއްސަ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ތިމާވެއްޓާ ބެހޭ ވަޒީރު ހުށަހަޅަންޖެހެއެވެ. ހަމައެއާއެކު ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓަށް ޤާނޫނީ ބާރުލިބިދިނުމާއި މިދާއިރާއިން ރާއްޖެ ތަމްސީލުކުރައްވާނެ ސްޕެޝަލް އެންވޯއީއެއްގެ މަޤާމުވެސް އުފައްދަންޖެހެއެވެ.