ޚަބަރު

މާލެ ސަރަހައްދުގައި އަޅާއިފައިވާ ފިޔަވަޅުތައް އަނެއްކާވެސް އިތުރު ހަފްތާއަކަށް


ކޯވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅަން ނިންމި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަފްތާއަކަށް އިތުރުކޮށްފިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅެއްގެ ގޮތުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާންމުކުރި އެންގުމުގައިވަނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި، ގުޅިފަޅާއި، ހުޅުލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު 7 ދުވަހަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އިރުއޮއްސި 6 އިން ފަތިހު 6ކަށް އެއްގަމު އުޅަނދު ދުއްވުންވަނީ މަނާކޮށްފައެވެ.

އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި ދުވުމަށް ޚާއްޞަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި ޕާކުތަކާއި މައިޒާންތައްވެސް ބަންދުކުރުމަށް ވަނީ އަންގަވާފައެވެ. މީގެ އިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުމަށްވެސް ވަނީ އަންގަވާފައެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

މި ފިޔަވަޅުތަކުގެ އިތުރަށް އެޗްޕީއޭއިން ވަނީ ވަކިގޮތެއް އަންގަވަންދެއް އެޅުމަށް ނިންމާއިފައިވާ ފިޔަވަޅުތައްވެސް ހާމަކުރައްވާފައެވެ.

އޭގެ ތެރޭގައި ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުމާއި، ޕްރީ ސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމުގެ އިތުރުން ޑޭ ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެއެވެ. އަދި ސައި ހޮޓާ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިން ބުއިމުގެ ޚިދުމަތް ރޭގަނޑު 8:00 އާ ހަމައަށް ދިނުމާއި ޓޭކްއަވޭގެ ޚިދުމަތްވެސް ރޭގަނޑު 10:30އާ ހަމަޔަށް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން އަޅަމުން ގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހާ ފަރާތްތަކަށް ވަނީ އަންގަވާފައެވެ.

ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުތާ އަހަރެއްވެފައިވާއިރު، މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ ބަލީގެ ނުރައްކާ 3 ވަނަ ފަހަރަށް ބޮޑުވެފައިވާތީއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރުވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވަނީ މާލެ ސަރަހައްދުންނެވެ.