ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު 1،366 މީހުން ވެކްސިން ޖެހި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 1366މީހުން ޖަހައިފިއެވެ. ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ޖެހީ އަތޮޅުތަކުގެ ސެންޓަރުތަކުގައި އެކަންޏެވެ.

ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް، މާލެ ސެންޓަރުތަކުގައި ދިނުން ވަގުތީގޮތުންވަނީ މެދުކަނޑާލާފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިއިތު ވޭތުވެދިޔަ 24ގަޑިއިރު ވެކްސިން ދިނުން ކުރިއަށްގެންދިޔައީ އަތޮޅުތަކުގައި ހުރި ވެކްސިން ސެންޓަރުތަކުގައި އެކަންޏެވެ.

ވޭތުވެދިޔަ 24ގަޑިއިރު އަތޮޅުތަކުން ޖުމްލަ 1،366 މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 215،852އަށް އަރާފައެވެ. އަލަށް ވެކްސިންޖެހި 1366މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދަކީ 94،222އެވެ.

އާއްމު އުސޫލުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާލެ ސަރަޙައްދުގައި މިހާރުވަނީ މުޅިން ހުއްޓާލާފައެވެ. ނަމަވެސް ޚާއްސަ ޚާލަތްތަކާ ގުޅިގެން އަދިވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށްދާނެއެވެ. މިވަގަށް ހުއްޓާލާފައިވީނަމަވެސް، މި ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވެކްސިން ދިނުން ކުރިއަށްދާނެއެވެ. މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދަކީ 121،630އެވެ.

އަތޮޅުތަކުގެ 169ސެންޓަރުން ވެކްސިން ދިނުމުގެ ޚިދުމަތްދަނީ ދެމުންނެވެ. އަދި މާލޭގެ 8 ސެންޓަރަކުންނާ، 2 މޯބައިލް ވެކްސިން ޓީމްވެސް ދަނީ ވެކްސިން ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

18 އަހަރުން މަތީގެ މީހުންނަށް، މުޅި މުޖުތަމަޢުއަށް ހުޅުވާލައިގެން ވެކްސިން ދިނުން މާލޭގައި ކުރިއަށްގެންދިޔަ މިމަހުގެ 15 ދުވަހުގެ ނިޔަލަށެވެ. ސަރުކާރުން މިހާރުދަނީ ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުންނެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %47 މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.