ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާނަކީ މިޒަމާނުގެ ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައްޔިތުންނާއި ގާތުން ގިނަގުނަ މަސައްކަތެތަކެއް ކޮށްދެއްވި ހަރުދަނާ ލީޑަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގެންނެވިތާ 100 އަހަރު ފުރޭ މުނާސަބަތުގައި ބަންގްލަދޭޝްގެ ނެޝަނަލް ޕެރޭޑް ގްރައުންޑްސްގައި މިއަދު ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ޝެއިޚް މުޖީބުއްރަޙްމާނަކީ މުޅި ދެކުނު އޭޝިއާ ސަރަޙައްދުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ލާމަސީލު އެއް ލީޑަރު ކަމަށާ، އެ މަނިކުފާނުގެ ޚިދުމަތުން ލިބިދޭ ފިލާވަޅުތަކަކީ އެތައް ޖީލަކަށް ޢިބުރަތް ޙާޞިލްކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގައި އޮތް ޑިމޮކްރަސީއާއި ސިޔާސީ މިނިވަންކަމުގެ މޭސްތިރިއަކީ ޝެއިޚް މުޖީބުއްރަޙްމާނުކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ޚިދުމަތްތަކާއި ހިތްވަރު ފާހަގަކުރައްވާފައެވެ.
ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްވަނީ ބަންގްލަދޭޝް ސަރުކާރުން އެޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަންގްލަދޭޝް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު އެޤައުމުގެ އިޤްތިޞާދު ކުރިއަރާ ދުވެލި ހަލުވިވެ، އެޤައުމުގެ ރައްޔިތުންގެ މިންނެތް މަސައްކަތުން ޤައުމުގެ އިޤުތިޞާދު އަލުން އާރާސްތުކޮށް، ކުރިއަރައިގެންދާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސްވަނީ ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ އެޤައުމުގެ ސަރުކާރަށް ޝުކުރުދަންނަވާފައިވެއެވެ.
އެގޮތުން ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެޤައުމުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި ރާއްޖެއިން މިހާރު ފަށާފައިވާ "ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމަކުން އައިސް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލްޙާމިދު އަދި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފަސޭހަފުޅު ވަގުތެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދައުވަތުދެއްވާފައެވެ.