ރާއްޖޭގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާނެ ޚާއްސަ ވެހިކަލްތަކެއް ރާއްޖެއަށް ހަދިޔާކުރުމަށް ޖަޕާނު ސަރުކާރުން ނިންމަވައިފިއެވެ. މިކަމަށްޓަކާ ބޭއްވި ޚާއްސަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް އާއި ޖަޕާން ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާނެ 3 ވެހިކަލް ޖަޕާނު ސަރުކާރުގެ އެހީގައި ދިނުމަށްވަނީ ހަމަޖެހިފައެވެ. އެމްއޭޕީޑީއިން ވިދާޅުވީ މިޕްރޮޖެކްޓްގެ ތެރެއިން ހަދިޔާކުރާ 3 ވެހިކަލްއަކީ ރާއްޖޭގައި ތިބި ޖިސްމާނީ އައިބުތައް ހުންނަ ފަރާތްތަކުން އޮފީހަށާއި ސްކޫލަށް ދިޔުމުގައި އެހީތެރިވުމުގެ ގޮތުން ހަދިޔާކުރާ ވެހިކަލްތަކެއްކަމަށެވެ. އަދި އެއެސޯސިއޭޝަނުން ބޭނުންވާގޮތަށް މިވެހިކަލްތައް ޑިޒައިންކޮށް ރާއްޖެ ގެނައުމަށް ގާތްގަނޑަކަށް 6 މަސް ހޭދަވާނެ ކަމަށް އެއެސޯސިއޭޝަނުން ވިދާޅުވެއެވެ. އަދި މިކަމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށާއި މިޚިދުމަތް ދިނުމަށް ޢާއްމު ދަތުރުފަތުރަށްވުރެ ހެޔޮއަގެއްގައި ބޭސިކް ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެއެސޯސިއޭޝަނުން ވިދާޅުވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީވެސް މުޖުތަމަޢުގައި މުހިންމު ބައެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މިފަދަ ދާއިރާތަކުން އެފަރާތްތައް ބާރުވެރިކުރުވާ މުޖުތަމަޢުގައި މިހާރަށްވުރެ ބޮޑަށް ޙަރަކާތްތެރިކުރުވުމަކީ ސަރުކާރުން އިސްކަމެއްދެއްވާ މުހިންމު މަސައްކަތެއްކަން މިނިސްޓަރ މަޙްލޫފް ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އޮލިމްޕިކްސް ފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ބައިވެރިވުމަކީ ރާއްޖެއިން ފަޚުރުވެރިވާ ކަމެއް ކަމަށްވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ މިފަދަ ފަރާތްތަކުން މުޖުތަމަޢުގެ ހިއްސާއަކަށް ވުމަށް ކުރާ މަސައްކަތް ބަލައިގަތުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިވުމަކީ ޖަޕާނަށް ލިބިގެންދާ ފަޚުރެއްކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މުޖުތަމަޢުގައި އާއްމުންގެ މެދުގައި ހަމަހަމަ ފުރުސަތުތައް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ވަކި ޖިންސަކަށް ބެލުމެއް ނެތި ލިބިދިނުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޤާނޫނީ ޙައްގެކެވެ. މިކަންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް އިތުރަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުން ފާހަގަކުރައްވައެވެ. އެހެންކަމުން އެއަމާޒަށް ވާސިލުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ޚާއްސަ އެހީ ބޭނުންވާ މީހުންގެ ދިރިއުޅުން އަމާންކަމާއެކު ކުރިއަށްގެންދިޔުމަށް ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.