ކޯވިޑް-19ގެ ވެކްސިންގެ 2ވަނަ ޑޯޒް ދޭން އަދި ޢާއްމުކޮށް ނުފަށާކަމަށާ، މިވަގުތު 2ވަނަ ޑޯޒް ޖަހައިދެމުން ދަނީ ޚާއްސަ ޙާލަތްތަކުގައި ކޮންމެހެން 2ވަނަ ޑޯޒް ޖަހަން ޖެހިފައިވާ މީހުންނަށްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
ކޮވިޝީލްޑް ވެކްސިންގެ 2ވަނަ ޑޯޒް ބައެއް މީހުންނަށް ޖަހާފައިވާކަން ދައްކުވައިދޭ އެމީހުންގެ ވެކްސިން ކާޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޕީއޭއިންވަނީ އެކަން ސާފުކޮށްދެއްވާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މިވަގުތު ވެކްސިންގެ ދެވަނަ ޑޯޒް ދެމުން ގެންދަނީ ޚާއްސަ ހުއްދައާއެކު ޚާއްސަ ހާލަތެއްގައި ތިބި މީހުންނަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑީޒް ޖެހުމަށްފަހު 2ވަނަ ޑޯޒް ޖަހަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެކްސިން ޖަހަން ރާއްޖެ ނާދެވޭފަދަ ޙާލަތެއް މެދުވެރިވާ މީހުންނަށް ވެކްސިންގެ 2ވަނަ ޑޯޒް އަވަހަށް ޖަހައި ދީފައިވާނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށްދާ ކިޔަވާކުދިންނާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒްއަށްފަހު ދެވަނަ ޑޯޒް ޖަހަންވާއިރަށް ނާދެވޭނެކަމަށް ބެލެވޭ މީހުންނަށްވެސް 2ވަނަ ޑޯޒް ޖަހާދީފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންނަމަވެސް އާއްމުކޮށް ހުޅުވާލައިގެން ދެވަނަ ޑޯޒް ޖަހަން އަދި ނުފަށާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިމަހުގެ 15ވަނަ ދުވަހަށް ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް ޚާއްސަ ކެޓަގަރީގައި ތިބި މީހުންނަށް މިމަހުގެ 20ގެ ފަހުން ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. އެޗްޕީއޭއިން ހާމަކުރައްވާގޮތުގައި ވެކްސިންގެ 2ވަނަ ޑޯޒް ޖަހަން ފަށާނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުންނެވެ. އަދި މިހާރު އަންނަނީ ވެކްސިންގެ 2ވަނަ ޑޯޒް ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖަހަންފެށިއިރު މިހާތަނަށް ދެލައްކައަށް ވުރެ ގިނަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ރާއްޖޭގައި ފުރަތަމަ ދީފައިވަނީ ކޮވިޝީލްޑް ގެ ވެކްސިންނެވެ. އެހެންނަމަވެސް ފައިޒާ ވެކްސިންނާއި ސިނޮފަރމް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ދީފައެވެ.