ސަރުކާރުގެ މުހިންމު އެއް ވަޢުދަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓް އޮންނަ ރަށަކަށް ދަތުރުކޮށް ދެވޭހާ ކައިރީގައި ވައިގެ ބަނދަރު ތަރައްޤީކުރުމެވެ. މިކަމާ ގުޅިގެން ހަދާފާ ދިރާސާތަކުގައި މިއަމާޒަށް ވާސިލުނުވެވޭ، ރާއްޖޭގައި މިވަގޮތު އޮތީ އެންމެ ސަރަޙައްދެކެވެ. އެއީ މުލަކަތޮޅު ހިމެނޭ ސަރަޙައްދެވެ.
މީހުން ދިރިއުޅޭ 8 ރަށް އެއަތޮޅުގައި އޮންނައިރު، އެއީ 7000 މީހުންގެ އާބާދީއެވެ. މިސަރަޙައްދުގެ ރަށްރަަށުން މިހާރު މާލެއަށް ދަތުރުކުރަނީ އަމިއްލަ ފަރާތަކުން ހިންގާ ލޯންޗު ފެރީ ނިޒާމެއް މެދުވެރިކޮށެވެ.
"އަތޮޅުގެ އެހެން ރަށްރަށުގައި ޖައްސަމުން 2-3 ގަޑިއިރުން މާލެއާ ހަމައަށް ދެވެނީ. ކަނޑު ގަދަ ދުވަސްވަރު 4 ގަޑިއިރުވެސް ހޭދަވޭ." މ.މުލިން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި އާމިރާ ހުސައިން ބުންޏެވެ.
އެއަތޮޅާ، ކައިރި އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު މާލެ ދަތުރުކުރުމުގެ ޚިދުމަތް ދެނީ މ.އަތޮޅުގައި އަމިއްލަ ފަރާތަކުން ހިންގާ ދެ ލޯންޗު ފެރީންނެވެ. ދަތުރުތަށް އާއްމުކޮށް އޮންނަނީ ހަފްތާއަކު 2-3 ދުވަހުއެވެ. ކަނޑުމަތީގައި 3-4ގަޑިއިރުގެ ދަތުރުކޮށް މަލެދާން ޖެހުނުޖެހުން ނިމުމަކަށް އައުމުގެ އުއްމީދުގައި ރައްޔިތުން ތިބޭތާ ލައްކަދުވަސް ވެއްޖެއެއެވެ.
"މޫސުން ގޯސްވެއްޖެނަމަ ފެރީވެސް އެބަ ހުއްޓާލާ. ކިތަންމެ ބޭނުންވިއަސް މާލެކޮޅަކަށް ދަތުރެއް ނުކުރެވޭނެ. އަނެއްކާ ބައެއް މީހުންނަކީ ކަނޑުމައްޗަށް ވަރަށް ބަލި މީހުން. ކުއްލިކަމެއް ދިމާވެގެން އަމިއްލައަށް މާލެކޮޅަށް ދަތުރެއް ކުރަން ޖެހިއްޖެއްޔާ 20000 (ރުފިޔާ) ހޭދަވާނެ އެންމެ މަދުވެގެން. ރޭގަނޑު ގަޑިނަމަ 30000 (ރުފިޔާ)އަށް އަގު އަރާ." އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ކޮންމެއަކަސް ރަށުގެ ކޮންމެ ރައްޔިތަކާ ވާހަކަދައްކާލުމުންވެސް ފެނުނީ އެއަރޕޯޓަކަށް މުޅި އަތޮޅު ބޭނުންވެފައިވާ މިންވަރެވެ. މިއީ އަތޮޅުގެ ރައްޔިތުންގެ އެތައްއަހަރެއްވީ އުންމީދެކެވެ. ހުވަފެނެއްގެ ގޮތުގައި އޮތް އެއަރޕޯޓް މަސައްކަތް މިހާރު މިވަނީ ހަޤީޤަތަކަށްވުމާ ދާދި ގާތުގައެވެ.
މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނިމުނު ފެބްރުއަރީމަހުގެ 28ވަނަ ދުވަހުއެވެ. މުލީ ކައުންސިލްގެ ރައީސް އަޙުމަދު ޝާތިރު ވިދާޅުވީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މިހާރު ހަވާލުކޮށްފައިވާއިރު، އުންމީދަކީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ޚިދުމަތް ފެށިގެން ދިއުންކަމަށެވެ.
"މިއީ މުޅި ސަރަޙައްދުގެ 30-40 އަހަރުގެ އުއްމީދެއް. ސަރުކާރުގެ ސިޔާސަތުގައި ބުނާގޮތަށް 30 މިނެޓުން އެއަޕޯޓަކަށް ނުދެވޭ އަތޮޅަކަށް މިއޮތީ މިއަތޮޅު. އެއަރޕޯޓާއެކީ އިޖުތިމާޢީ ގޮތުންނާ އަދި ލޯކަލް ޓުއަރިޒަމް ރަށުގައި ފެށިގެން އަންނާނެކަމުގެ އުއްމީދު ބޮޑު. ބޭނުންވަނީ އެ މަންޒަރު ރައްޔިތުންނަށް ފެނި އޭގެ ފޮނި މީރުކަން ލިބުން." ކައުންސިލްގެ ރައީސް އަޙުމަދު ޝާތިރު ވިދާޅުވިއެވެ.
މުލަކަތޮޅު މުލީގައި ތަރައްޤީކުރާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހަދާ އެއަރޕޯޓެކެވެ. މިކަމުގެ ޢަމަލީ މަސައްކަތް ރަށުގައި ފެށުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު އެމްޓީސީސީންދަނީ ވަމުންނެވެ. މިޕްރޮޖެކްޓް ކުރިއަށްގެންދާނީ ރަށުގައި މިހާރު ހިއްކާފައިވާ ސަރަޙައްދާ އަދި އިތުރަށް ހިއްކާ ސަރަޙައްދާއެކު ބިމުގެ ޖާގަ އިތުރުކޮށްގެންނެވެ.
އެމްޓީސީސީން ވިދާޅުވީ މުޅި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު 11ގެ ކުރިން ނިންމާ، ސަރުކާރާ ހަވާލުކުރުމަށް މަސައްކަތްކުރާނެކަމަށެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިމި ޚިދުމަތް ފެށުމާއެކު ރަށުގައި އިތުރު ވަޒީފާތައް އުފެދި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.