ވިޔަފާރި

ދެކުނުގައި ޤާއިމްކުރާ ކަސްޓަމްސް ހެޑް އޮފީސް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ


ދެކުނުގެ ސަރަހައްދީ ކަސްޓަމްސް ހެޑް އޮފީސް އެޅުމަށް، ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ދެކުނު ސަރަހައްދީ ކަސްޓަމްސް ހެޑް އޮފީސް އަޅާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައިވާއިރު، އެ ބީލަމުގައި ބައިވެރިވެވޭނީ، "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެމަތީން ހައުސިންގ މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ކުންފުންޏެއްނަމަ ޤަވާއިދުގެ 13 ވަނަ މާއްދާގައި ބުނާ ލިއެކިއުންތަކާއެކު ހުށަހެޅޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ބޭރުގެ ފަރާތެއް ނަމަ، ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ ދަށުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަތޯ އެފަރާތްތަކުން އަމިއްލައަށް ބަލަންޖެހެއެވެ.

ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންގާރަ ދުވަހުން ފެށިގެން، މިއަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މަސައްކަތާގުޅޭ ލިޔެކިއުން ފިނޭންސް މިނިސްޓްރީ ވެބްސައިޓުން ބުދަދުވަހުން ފެށިގެން ލިބެން ހުންނާނެއެވެ.

ބީލަމަށް ބިޑް ސެކިއުރިޓީ ގޮތުގައި 85000 ރުފިޔާ ދައްކަން ޖެހޭއިރު، ބީލަން ހުޅުވާލާނީ އެޕްރީލް 8 ވަނަ ދުވަހުއެވެ. ބީލަން ހުށަހެޅުން އޮންނާނީ މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ދެކުނު ސަރަހައްދީ ކަސްޓަމްސް އޮފީހެއް އެޅުމަށް 12000 އަކަފޫޓުގެ ބިމެއް މަރަދޫ އަވަށުން ދޫކުރުމަށް، އައްޑޫސިޓީ ކައުންސިލުން މިދިޔަ އަހަރު ޖެނުއަރީމަހު ދޫކުރުމަށް ނިންމިއެވެ. އަދި ޖެނުއަރީ 20 ވަނަ ދުވަހު މިބިން މޯލްސް ކަސްޓަމްސް ސަރވިސްއާ ވަނީ ހަވާލު ކޮށްފައެވެ.

އައްޑޫގައި ކަސްޓަމްސް އޮފީހެއް އެޅުމަށް ނިންމާފައިވާއިރު، މިހާރުވެސް ބޭރުން ގެންނަ މުދާތައް ކްލިއަރެންސް ހެދުމަށް މާލެ ދާން ބައެއް ފަހަރު އަންގާކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރެއެވެ. އަދި މިގޮތަށް ގިނަ މުދާތައް ގެންނަ ފަރާތްތަކުން މާލެ ދިއުމުގެ ބަދަލުގައި ނުވަތަ ބަދަލުގައި މީހަކު ކޮންމެ ފަހަރަކު ފޮނުވުމަށް ދަތިތަކެއް ހުންނަކަމަށް އެފަރާތުން ފާހަގަކުރެއެވެ.