ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ދިރާސާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ 2ވަނަ ސައިންޓިފިކް އެކްސްޕެޑިޝަން ފަށައިފިއެވެ. މިއީ ރާއްޖޭގެ ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމުން ކުރާ މަސައްކަތެކެވެ. 
އެމެރިކާގެ ރިސާޗަރުންނާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ސައިންވެރިން ހިމެނޭ ޓީމުން ކުރާ 22 ދުވަހުގެ މި ދަތުރުގައި ފުރުތަމަ މާލެ އަތޮޅުގެ އުތުރާއި ދެކުނުގައި ހޭދަކުރުމަށްފަހު ދެން ދަތުރު ކުރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. 
މި އެކްސްޕެޑިޝަންގައި ހުވަދުއަތޮޅު، ފުވައްމުލަށް، އައްޑޫ އަދި މާލެ އަތޮޅުގެ ފަރުތަކުގެ ޙާލަތު ދިރާސާކުރުމުގެ އިތުރުން ކަނޑުގައި އުޅޭ ދިރުންތަކުގެ އަބާދީ އަންދާޒާކުރުމަށް ސާވޭ ކުރަންވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޅި އަޅައިގެން ފީނައިގެން ފަރުގައި އުޅޭ ދިރުންތަކުގެ ވެށި ދިރާސާކޮށް، ރިމޯޓް ކޮންޓްރޯލްޑް ކެމެރާ ބޭނުންކޮށްގެން މިޔަރު އަދި ކަހަނބުފަދަ ބޮޑެތި ދިރުންތަކުގެ މައުލޫމާތުވެސް އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި އެކްސްޕެޑިޝަން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަފާރީ ބޯޓެއްކަމަށްވާ ކާޕޭ ނޯވޯ ގައެވެ.
		
										
			ނޫ ރާއްޖެ ޕްރޮގްރާމުން ޖެނުވަރީ 2020ގައި ދިޔަ ފުރުތަމަ ދިރާސާގައި އުތުރާއި މެދުރާއްޖެތެރޭގެ 16 އަތޮޅެއް ވަނީ ދިރާސާކޮށްފައެވެ.  އެ ދިރާސާގެ ނަތީޖާ ހިމެނޭ ރިޕޯރޓް  އަންނަ މަހު ހާމަކުރުމަށް ވަނީ ނިންމާފައެވެ. މިދިރާސާ ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުތެރޭގައި ފުޅާދާއިރާއެއްގައި މިގޮތަށްކުރެވޭ ފުރުތަމަ ކަނޑުގެ ދިރާސާއަށް ކަމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ބުނެއެވެ. 
މި ދިރާސާއިން އެއްކުރެވޭ މައުލޫމާތު ދެމެހެއްޓެނިވި މަސްވެރިކަންކުރިއެރުވުމަށާއި، މަސްވެރިކަމުން އާމްދަނީ އިތުކުރުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. މީގެ އިތުރުން މި މައުލޫމާތުގެ އަލީގައި ސަރުކާރު އަދި ނޫ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭނިންގައާއި، ދެމެހެއްޓެނެވި ފަތުރުވެރިކަންކުރިއެރުވުމުގެ މަސައްކަތުގެ ހަރަކާތްތަށްވެސް ބައްޓަން ކުރެވިގެންދާނެއެވެ.
		
										
			ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުގެ ގޮތުން މަސައްކަތުގައި ބައިވެރިވާ ސައިންސްވެރިންނާއި ފަޅުވެރިން ސަފާރީއަށް އެރުމުގެ ކުރިން ކަރަންޓީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުގެ ބައިވެރިންނާއި މުޖުތަމައުގެ ރައްކަލަކަށްޓަކައި،  ދަތުރު ކުރިއަށް ދާއިރުގައިވެސް ސިއްހީގޮތުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ދަތުރުގެ ބައިވެރިން މީހުން އުޅޭ އެއްވެސް ރަށަކަށް ނުދާނެއެވެ. 
ނޫ ރާއްޖެއަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ އިސްނެގުމުގެ ދަށުން ރާއްޖޭގެ ކަނޑުތައް ޙިމާޔާތްކޮށް ކަނޑުގެ ރޯދިން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖްތިމާއީ ފަހި ކުރިމަގެއް ބިނާކުރުމުގެ މަގްސަދުގައި ހިންގާ ފަސް އަހަރުގެ ޕްރޮގްރާމްއެކެވެ. 
ރާއްޖޭގައި މި ޕްރޮގްރާމްގެ އިސް ރޯލެއް އަދާ ކުރަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މެރިން ރިސާޗް އިންސްޓިޓިއުޓުންނެވެ.  ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މެންބަރުންގެތެރޭގައި ހިމެނެނީ ވެއިޓް އިންސްޓިޓިއުޓާއި، ނޭޝަނަލް ޖިއޮގްރޭފިކް ޕްރިސްޓިން ސީސްއާއި، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝެނޯގްރަފީއެވެ.