ޚަބަރު

ބޮޑު ތިލަދުންމަތިން އެމްއާރުއައި ހަދަން މާލެ ދިއުން ނިމުމަކަށް


މާލެއިން އުތުރުން އެންމެ ގިނަޢަދަދެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި)ގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ އަތޮޅުތަކުގައި މި ޚިދުމަތް ފެށި 2ވަނަ ހޮސްޕިޓަލެވެ.

1982ވަނަ އަހަރު ކުޅުދުއްފުށީގައި ސިއްޙީ ޚިދުމަތް ދޭން ފެށިފަހުން މިއަދާހަމައަށްވެސް އެރަށުން ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ މިޚިދުމަތް ހޯދަމުންނެވެ. ޒަމާނާއެކު ޚިދުމަތް ފުޅާވެ ތަރައްޤީވުމަކީ މިސަރަޙައްދުގެ ރައްޔިތުން އެދޭ އެންމެބޮޑު އެއްކަންތަކެވެ. ކުޅުދުއްފުށީގައި ދެމުންދާ ސިއްޙީ ޚިދުމަތަށް 39 އަހަރު ވެގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުންމިވަނީ ބޮޑެތި ކުރިއެރުންތަކެއްވެސް މިއަދު ހޯދާފައެވެ. ކިދުމަތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަކީ ބޮޑުތިލަތުންމަތީގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މާލެއިން ބޭސްފަރުވާ ހޯދަން ދަތުރުމުގައި ދިމާވި ދަތިތަކާއެކު އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވިއެވެ. އެންމެ ބާރުބޮޑުވި އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ. ފާއިތުވި އަހަރުވެސް 184 ރަށަކުން ލައްކައަކަށްވުރެ ގިނަ މީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވަނީ ފަރުވާހޯދާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ލިބެންނެތުމުގެ ދަތި އެހޮސްޕިޓަލުން ހިދުމަތް ހޯދާ ރައްޔިތުންދިޔައީ މިހާތަނަށް ތަޙަންމަލުކުރަމުންނެވެ. އެގޮތުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 50އާއޮ 60އާ ދެމެދުގެ ޢަދަދެއްގެ ބަލިމީހުން އެމްއާރުއައި ހަދަން މާލެއަށް ފޮނުވަންޖެހޭކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އެމްއާރުއައި ހެދުމަށް ރައްޔިތުން އުފުލި ބުރަޔާއި ކުރި ޚަރަދަށް ނިމުމެއްއައިސް މިއަދު މިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ދޭންފަށާފައެވެ.

ނޮދަން އޮފީސް ކޮމްޕްލެކްސްގެ ހޯލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައި ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޢާދިލެވެ. މިޚިދުމަތް އިފްތިތާހުކޮށްދެއްވައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަގައި ހިދުމަތެއް ފުރިހަމަވެގެންދާނީ ހަމައެކަނި ރީތި ޢިމާރާތާއި ވަސީލަތުން ނޫންކަމާއި ޚިދުމަތް ދޭންތިބޭ މީހުންގެ އޯގާތެރިކަމުގެ މުހިންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"
"ޚިދުމަތް ފުރިހަމަވަނީ ރީތި ޢިމާރާތަކުން ނުވަތަ ވަސީލަތަކުންނޫން. ހިދުމަތް ފުރިހަމަވަނީ ހިދުމަތް ދޭންތިބޭ މީހުން ބަލިމީހުންނަށް ބަހައްޓާ އޯގާތެރިކަމާ ގާތްކަމަކުން."
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޢާދިލް

ޓާޝަރީ ފެންވަރަށް ތަރައްޤީކުރާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި މެޝިނެއް ގެނެސްފައިވަނީ 2020ވަނަ އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އެމްއާރުއައިގެ ޚިދުމަތް އެހޮސްޕިޓަލްގައި ފެށުމަށް ސަރުކާރުން 23 މިލިއަނެއްހައި ރުފިޔާ ޚަރަދުކޮށްފައިވެއެވެ.