ދުނިޔޭގެ ވިޔަފާރި

ވޯލްކްސްވާގަން އިން 4000 މީހުން ވަޒީފާއިން ވަކިކުރަަނީ

ޖަރުމަންވިލާތުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި ވޯލްކްސްވާގަން އިން މިއަހަރުތެރޭ 4 ހާހެއްހާ މީހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ވޯލްކްސްވާގަންއިން މުވައްޒަފުން ކުންފުނިން ވަކި ކުރުމަށް ހަމަޖެހިފައިވަނީ ރިޓައިމަންޓް ޕެކޭޖްތަކެއްގެ ދަށުންނެވެ. އެގޮތުން 1964ވަނަ އަހަރު އުފަންވެފައިވާ އެކުންފުނީގެ މުވައްޒަފުންނަށް ޕާޝިއަލް ރިޓައިމަންޓް ދިނުމަށް ހުޅުވާލާއިރު، 1956 އަކުން 1960އާ ހަމައަށް އުފަންވެފައިވާ ފަރާތްތަކަށް އަރލީ ރިޓައިލަންޓް ތައާރަފްކުރުމަށް ވޯލްކްސްވާގަންއިން ވަނީ ނިންމާފައެވެ.

ވޯލްކްސްވާގަންގެ އިން ދަނީ ޖަރުމަންވިލާތުގައި އެކުންފުނީގެ ކާރު އުފައްދާ 6 ފެކްޓަރީއެއް ހިންގަމުންނެވެ. މި ފެކްޓަރީތަކުގައި 120000 މީހުންދަނީ ވަޒީފާ އަދާކުރަމުންނެވެ.

ކާރު އުފައްދާތާ 83 އަހަރުވެފައިވާ ވޯލްކްސްވާގަންއިން ދަނީ ޒަމާނީ ކާރުތައް އުފެއްދުމާއި ދިމާއަށް މިސްރާބް ޖަހަމުންނެވެ. އެގޮތުން އެކުންފުނީގައި މީހުން ތަމްރީން ކުރުމަށް ކުރާ ހޭދަވަނީ 238 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމާފައެވެ. މީގެ ކުރިން ތަމްރީން ކުރުމަށް އާއްމުކޮށް ހޭދަކުރަނީ އަހަރަކަށް 47.8 މިލިއަން ޑޮލަރެވެ.

ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުުރުމަށް ތައްޔާރުވަމުންދާއިރު، މިއަހަރުތެރޭ އިތުރަށް މުވައްޒަފުން ވަޒީފާއަށް ނެގުންވެސް މަޑު ޖައްސާލާފައެވެ. އަދި އިތުރަށް މުވައްޒަފުން ވަޒީފާއަށް ނެގޭނީ އިލެކްޓްރިކް ކާރާއި، ބެޓާރީ ސެލް ތަރައްޤީކުރުމުގެ ދާއިރާއިންނެވެ.