ޚަބަރު

ކޯވިޑް-19 ދިފާޢު: އާބާދީގެ %46 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގެ، މިވެކްސިން ޖެހޭ އާބާދީގެ %46 މީހުންނަށް ދީ ނިމިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޢަދަދު 200،000އިން މައްޗަށްވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން ޖުމްލަ 7،908 މީހުނަށް ވެކްސިން ދީފައިވެއެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 4،941 މީހުންނާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި ވެކްސިންޖެހި 2،967 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންޖެހި މީހުންގެ ޢަދަދު މިވަނީ 200،000އިން މައްޗަށް އަރާފައެވެ. މިހާތަނަށް ޖުމްލަ 206،114މީހުންވަނީ ރާއްޖޭގައި ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 116،636 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 89،478 މީހުންނެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ ވެކްސިންދެވޭ އާބާދީގެ %46 މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ ދީ ނިމިފައެވެ. އެޗްޕީއޭއިން ވިދާޅުވީ މިމަހުގެ 15ގެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގައި އިސްކަންދޭނީ ބަލީގެ ހައި ރިސްކު މީހުންނަށްކަމަށެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒެވެ.