ޚަބަރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ.ނަޑެއްލާގައި އިކޯ ޕާކެއް


ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ.ނަޑެއްލާގައި އިކޯ ޕާކެއް ތަރައްޤީކޮށްފިއެވެ. މި އިކޯ ޕާކަކީ ނަޑެއްލާގެ ގޮނާނިގިލި ކުޅީގައި ތަރައްޤީކޮށްފައިވާ ޕާކެކެވެ.

ބީއެމްއެލްގެ މާލީ އެހީގައި ކުރިއަށްގެންދިޔަ މި މަސައްކަތަކީ ގޮނާނިގިލި ކުޅީގެ ޤުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި، ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އިކޯ ޕާކުގެ މަސައްކަތް ނިންމައި މިހާރުވަނީ ޕާކު އާއްމުންނަށް ހުޅުވާލާފައެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ ނަޑެއްލާގެ ޖަމިއްޔާއެއްކަމަށްވާ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް)އިންނެވެ. މިކަމުގެ ޢަމަލީ މަސައްކަތުގައި ޖަމިއްޔާގެ އިތުރުން ރަށުގެ ރައްޔިތުންވެސް އެޙީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި ޕްރޮޖެކްޓްގެދަށުން ކުޅީގައި ވިއުވިންގ ޕްލެޓްފޯރމަކާއި، ކުޅި ހިމެނޭ ސަރަޙައްދުގައި 5 ބެންޗް ބަހައްޓާފައިވެއެވެ. އަދި އެ ސަރަޙައްދު ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް 5 ޑަސްބިން ބަހައްޓާފައިވެއެވެ. އަދި އެ ސަރަޙައްދު އަލިކުރުމަށް ބަހައްޓާފައިވާ ބައްތިތަކަކީވެސް އަވިން ހަކަތަ އުފައްދާ ނިޒާމު ބޭނުންކޮށްގެން ދިއްލޭ ބައްތިތަކެކެވެ. ގދ. ނަޑެއްލާގެ އީކޯ ޕާރކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު، އެތަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ރަށު ކައުންސިލާއެވެ.

2019 ވަނަ އަހަރު ބީއެމްއެލްއިން ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.