ލަންޑަންގައި މިހާރު ފެށިގެން ކުރިއަށްދާ ޑަބްލިއުޓީއެމް ފެއަރގެ ފުރަތަމަ ދެ ދުވަހުވެސް ރާއްޖޭގެ ސްޓޭންޑަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފިއެވެ. ރާއްޖޭގެ 57 ކުންފުންނަކުން ބައިވެރިވެފައިވާމިފަހަރުގެ ފެއަރގައި އަމާޒުކުރެވިފައިވަނީ ރާއްޖެ އިނގިރޭސިވިލާތުގެ މާކެޓަށް ބޮޑަށް އިޝްތިހާރު ކުރުމަށް ކަމަށް އެމްއެމްޕީއާރްސީން މަޢްލޫމާތު ދެއެވެ. އިނގިރޭސި ވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ތަންކޮޅެއް ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ދުނިޔޭގެ ފަތުުރުވެރިކަމާބެހޭ އެކިދާއިރާތަކުން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ އިންޑަސްޓަރީގެ ތަފާތު ލެވެލްތަކުގެ ބޭފުޅުން ހިމެނެއެވެ. މިފެއަރގައި ބައިވެރިވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ ފަރާތްތަކުން ބުނީ ފެއަރގެ ތެރެއިން ފަތުރުވެރިންގެ ފީޑްބެކް ލިބުމާ ޓުއަރ އޮޕަރޭޓަރުންނާ ޓްރެވަލް އެޖެންޓުންނާ އެއްތަނަކުން ބައްދަލުވެ ކުރިއަށް ހުރި ކަންތައްތައް ރޭވުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. މިފެއަރގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާ ޓޫރިސްޓް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ދަތުރުފަތުރު ކުރުމުގެދާއިރާގެ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ.ޑަބްލިއުޓީއެމްގައި ބަހައްޓާފައިވާ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކުރެވިފައިވަނީވެސް ރާއްޖޭގެ ޤުދުރަތީ ރީތިކަން ސިފަކުރެވޭ ގޮތަށެވެ. އަދި ރާއްޖެއަކީ އެފަދަ ދެވަނައެއްނުވާ ތަނެއްކަން ދައްކުވައިދޭ ގޮތަށް ސްޓޭންޑް ތައްޔާރުކުރެވިފައިވާއިރު އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް ޔިއަރގެ ގޮތުގައި ފާހަގަކުރާ އަހަރުކަމަށްވުމާއެކު މިފެއަރގެ ތެރެއިން މިކަމާގުޅޭ ކެމްޕެއިންތައްވެސް ކުރިއަށް އެބަދެއެވެ.މި ފެއަރ ކުރިއަށްދަނީ މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ މިފަދަ ބޮޑެތި ފެއަރތަކާއި ރޯޑް ޝޯވ ތަކުގައި ރާއްޖެއިންދަނީ ބައިވެރިވަމުންނެވެ.