ކުޅިވަރު

ފުލަމް ބަލިކޮށް ސިޓީއިން ތާވަލްގައި 17 ޕޮއިންޓްގެ ލީޑެއް


އިންގްލިޝް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ފުލަމް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ސިޓީއިން 17 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސިޓީއިން އުފެއްދި ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ސިޓީގެ ޖޯން ސްޓޯންއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ފުލަމްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖެހީ ގެބްރިއެލް ޖޭސުސްއެވެ. އަދި ފަހު ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ސަރޖިއޯ އަގުއެރޯއެވެ. މިއީ މިސީޒަންގެ ޕްރިމިއަރ ލީގުގައި އަގުއެރޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށްފަހު ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުވެސްމެއެވެ. އަދި މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން އަގުއެރޯ އާއި ޖޭސުސް ސިޓީގެ ފުރަތަމަ އެގާރައިގާ އެކުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގައި ފުލަމް ކޮޅަށް ތިން ލަނޑު ވަން ނަމަވެސް އެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި ހާއްސަކޮށް ފުރަތަމަ ހާފްގައި އެޓީމްގެ ކުޅުން ރަނގަޅުކަން ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރު މިވަނީ ޕޮއިންޓް ތާވަލްގައި 17 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ނަމަވެސް އެންމެ ގާތުން ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑް އަދި ނުކުޅެ 2 މެޗް އޮތުމުން މި ފަރަގު ކުޑަވެގެންދާނެކަމަށް ޤަބޫލް ކުރެވެއެވެ. ސިޓީއިން މިހާރު 30 މެޗް ކުޅެފައިވާއިރު އެޓީމަށް މިވަނީ 71 ޕޮއިންޓް ލިބިފައެވެ. ދެވަނައިގާ އުޅޭ ޔުނައިޓެޑަށް ލިބިފައިވަނީ 28 މެޗުން 54 ޕޮއިންޓެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މިމެޗްގައި އަގުއެރޯ މިވަނީ ގިނަ ދުވަސް ތަކަކަށްފަހު 90 މިނެޓް ކުޅެފައި ކަމަށާއި އަދި ގިނަ ދުވަސް ތަކަކަށްފަހު މިމެޗްގައި ލަނޑެއްވެސް ކާމިޔާބު ކުރެވުން އެއީ ޓީމަށް ލިބިގެންދިޔަ އިތުރު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މިމެޗަކީ އުނދަގޫ ވާނެ މެޗެއްކަށް ކުރިންވެސް އިނގޭ ކަމަށާއި ފުލަމްއިން މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑް ކުރި ކަމަށް ގާޑިއޯލާ ހާމަކުރިއެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި ދެން އޮތީ ޗެމްޕިއަންސް ލީގު މެޗަށް ތައްޔާރުވެ އޭގެފަހުން އެފް އޭ ކަޕް ކްއާޓަރ ފައިނަލަށް ތައްޔާރުވުންކަމަށްވެސް ސިޓީގެ ކޯޗު ބުންޏެވެ.
މިމެޗުން ބަލިވުމުން ފުލަމްއަށް ރެލިގޭޝަނުން އަރައިގަތުމަށް ލިބުނު ފުރުސަތު މިވަނީ މިވަގުތަށް ގެއްލިފައެވެ. ފުލަމްއަށް މިހާރު ލިބިފައިވަނީ ކުޅުނު 29 މެޗުން 26 ޕޮއިންޓެވެ. އަދި އޮތީ ތާވަލްގެ 18 ވަނައިގައެވެ.