ވިޔަފާރި

އެކްސްޕޯގައި ހިމެނޭ ގެލެރީ މިއަދުވެސް ހުންނާނީ ހުޅުވާފައި


ފައިނަންޝިއަލް އެކްސްޕޯ 2015 އިއްޔެގެ ނިޔަލަށް
ނިމިފައިވީ ނަމަވެސް އެކްސްޕޯގައި ހިމެނޭ ގެލެރީގެ ބައި މިއަދުވެސް ހުޅުވާފައި  ހުންނާނެކަމަށްް އެމްއެމްއޭއިން ބުނެފިއެވެ.



ފައިނޭންޝިއަލް އެކްސްޕޯ އާއި ގުޅޭގޮތުން ޕީއެސްއެމްއަށް
މައުލޫމާތުދެއްވަމުން އެމްއެމްއޭގެ އެސިސްޓަންޓް ގަވަރނަރ ނީޒާ އިމާދު ވިދާޅުވީ
އެކްސްޕޯއަށް އާއްމުންގެ ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާ
ކަމަށެވެ. އަދި  އެކްސްޕޯގައި ހިމެނޭ
ރަންދިހަ ފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގައި އެކި ދުވަސްވަރު ބޭނުންކޮށްފައިވާ
ފައިސާ ދައްކުވައިދޭ ގެލެރީބަލާލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް
ދިނުމަށްޓަކައި މާދަމާވެސް ގެލެރީ ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް
ނީޒާ ވިދާޅުވިއެވެ.



މީގެ އިތުރުން ނީޒާ ވިދާޅުވީ މިފަދަ ފިނޭންޝިއަލް
އެކްސްޕޯއެއް ކުރިއަށް އޮތް ތާގައި ވެސް ބޭއްވުމުގެ ހިޔާލް އެމްއެމްއޭއިން
ގެންގުޅުއްވާ ކަމަށެވެ.



މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް
ދިޔަ ފައިނޭންޝިއަލް އެކްސްޕޯގައި  ރާއްޖޭގެ
މާލީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
އެގޮތުން މާލީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތަކުން މި އެކްޕޯގައި ސްޓޯލްތައް
ބަހައްޓާފައިވެއެވެ،



އެފަރާތްތަކުންވެސް ހާމަކުރާގޮތުގައި މި ފައިނޭންޝިއަލް
އެކްސްޕޯ މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ކުންފުނިތަކުގެ ޙިދުމަތްތަކާއި ގުޅޭ
މައުލޫމާތުތައް ދެވިފައިވާ ކަމަށާއި މި އެކްސްޕޯ ވަރަށް ކާމިޔާބް ކަމަށެވެ.



މި ފައިނޭޝިއަލް އެކްސްޕޯގައި ރާއްޖޭގައި ހަރަކާތްތެރިވާ
ހުރިހާ ބޭންކްތަކާއި، ނޮން ބޭންކް ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި،
އިންޝުއަރެންސް ކުންފުނިތަކާއި، ހައުންސިލް ފައިނޭންސް ޔުނިޓްފަދަ ފަރާތްތައް ބައިވެރިވެފައިވެއެވެ.