ކުޅިވަރު

ހަނިގޮތަކަށް ނަމަވެސް މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ - ނިޒާމް


ދޭއް އެކަކުން މަހިބަދޫ ބަލިކޮށް ލީގް ތާވަލްގެ އެއްވަނާގައި އޮތް ނިއުރޭޑިއަންޓާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ޓީސީ ހަނިކޮށްފިއެވެ.އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ މަހިބަދޫއާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި ޓީސީގެ ފުރަތަމަ ގޯލް ޖަހައިދިނީ ބިދޭސީ ފޯވާޑް ރަފައެލްއެވެ. ޓީސީގެ ދެވަނަ ލަނޑު ޖަހައިދިނީ ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް އިބްރާހިމް ވަހީދު ހަސަންއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށް މަހިބަދޫއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ބިދޭސީ ފޯވާޑް އެންޑަސަންއެވެ.މެޗަށްފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ މީ ލީގުގައި އެޓީމް ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށާއި، ހަނި ތަފާތަކުން މެޗުން މޮޅުވި ކަމުގައިވިޔަސް ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. ސަބަބަކީ ފުރަތަމަ އެގާރާގައި ހިމެނޭ ހަތަރު ކުޅުންތެރިންއަކަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުމުން، ބައެއް ކުޅުންތެރިން އެ ކުޅުންތެރިން ކުޅޭ މަގާމު ނޫން އެހެން މަގާމަކަށް ކުޅުވަން ޖެހުމުންކަމަށެވެ."އަސްލު ބުނަންޏާ މީ ލީގުގައި މިހާތަނަށް ކުޅުނު އެންމެ ޓަފް މެޗް. ހަނިގޮތަކަށްވިސް މޮޅުވުމުން ހިތްހަމަ ޖެހޭ. ޓީސީން މިއަދުގެ މެޗް މި ކުޅުނީ ފުރަތަމަ އެގާރާގައި ހިމެނޭ ހަތަރު ކުޅުންތެރިންނާއި ނުލައި. ވަރަށް ހިތްހަމަ ޖެހޭ ކުޅުންތެރިން ދެއްކި ކުޅުމަށް" ނިޒާމް ބުންޏެވެ.މަހިބަދޫ ސްޕޯޓްސް ކްލަބްގެ އެސިސްޓަންޓް ކޯޗް ހުސައިން އައްބާސް ބުނީ މެޗުގައި މަހިބަދޫ ޓީމުން އޭނާ ހިތްހަމަ ޖެހޭ ފެންވަރަށް ކުޅުނު ކަމަށާއި، ނަތީޖާ ނޫން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ. މަހިބަދޫ ޓީމަށް މި ސީޒަންގައި ދިމާވި މައިގަނޑު މައްސަލައަކީ ސީޒަން ދިގުލައިގެން ދިޔުމުގެ ސަބަބުން އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކާއިއެކު ކުޅުންތެރިންނަށް ލީގާއި މެދު ސަމާލުކަން ނުދެވުންކަމަށް އޭނާ ބުންޏެވެ."މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ. ނަތީޖާ އެކަނި ގޯހީ. ގިނަ ދަތިތަކާއިއެކު މަހިބަދޫ މިއަހަރުގެ ސީޒަން މި ފުރިހަމަ ކުރަނީ. އެކަމަކުވެސް ހަމަ ހިތްހަމަ ޖެހޭ" ހުސައިން އައްބާސް ބުންޏެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޓީސީ އާއި އެއްވާނާގައި އޮތް ނިއުރޭޑިއަންޓާއި ދެމެދު އޮތް ފަރަގުވަނީ ދެ ޕޮއިންޓަށް ހަނިވެފައެވެ. މިރޭގެ މެޗުން ބަލިވި މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާއިއެކު ތާވާލްގެ އެންމެ ފުލުގައެވެ.