ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުން ވިލާތަށް މުދާ ބޭރުކުރި މިންވަރު 40.7 އިންސައްތަ ދަށަށް


މިދިޔަ ޖެނުއަރީމަހު އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް މުދާ ބޭރުކުރި މިންވަރު 40.7 އިންސައްތަ ދަށަށް ގޮސްްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ އޮފީސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް ( އޯއެންއެސް) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު ޔޫރަޕްގެ ޤައުމުތަކުން އިނގިރޭސިވިލާތަށް މުދާ އެތެރެކޮށްފައިވާ މިންވަރުވެސްވަނީ 28.8 އިންސައްތަ ދަށަށް ގޮސްފައެވެ. މި ތަފާސް ހިސާބުތަކަކީ އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދާއި ދެމެދު ފަހުން ޤާއިމްކުރި އެއްބަސްވުމަށްފަހު ޝާޢިރުކޮށްފައިވާ ފުރަތަމަ ހިސާބުތަކެެވެ.

އޯއެންއެސްއިން ބުނީ އިނގިރޭސިވިލާތުން ޔޫރަޕްގެ ޤައުމުތަކަށް އެކްްސްޕޯޓުކުރާ މިންވަރު ޖެނުއަރީމަހު ދަށްވެފައިވީ ނަމަވެސް މިއީ އަދި ވަގުތީ ބަދަލުތަކެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އިނގިރޭސިވިލާތުން މުދާ ބޭރުކުރާ މިންވަރާއި އެތެރެކުރާ މިންވަރު ދަށްވުމާއިއެކު އެޤައުމުގެ އިޤްތިސާދު މިދިޔަ ޖެނުއަރީމަހު ވަނީ 2.9 އިންސައްތަ ދަށަށް ގޮސްފައެވެ. އިޤްތިސާދު މިވަރަށް ދަށަށް ގޮސްފައިމިވަނީ އެޤައުމުގައި ތަންފީޒުކުރަމުންދާ ތިންވަނަ ފުރަބަންދާ ގުޅިގެން ކަމަށް މާހިރުން ބުނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގައި މުދާ އުފުއްދުމުގެ ސިނާއަތްވެސް ޖެނުއަރީމަހު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެތެރެއިންވެސް ކާރު އުފެއްދުމުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް އޯއެންއެސްއިން ހާމަކުރެއެވެ.

ޖެނުއަރީމަހުގެ ފަހުކޮޅަށް ދިޔައިރު، އިޤްތިސާދީ ހަރަކާތްތައް އަލުން އިތުރުވާން ފަށާފައިވާކަމާއި، ކޯވިޑާއި ދެކޮޅަށް ވެކްސިން ދޭން ފެށުމުން އިޤްތިސާދު އަލުން ކޮޅަށް ޖެހެމުން އަންނަކަމަށްވެސް އޯއެންއެސްއިން ބުނެއެވެ