ޚަބަރު

ދިއްދޫ އަމާންވެށީގައި ހުރި ކުއްޖަކުވެސް ޕޮޒިޓިވް، ބާރަށުގެ އަދަދު 33 އަކަށް


ހއ. ދިއްދޫގައި ހުރި އަމާންވެއްޓަށް ގެންދިޔަ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހއ. ދިއްދޫގައި ގާއިމްކުރި އަމާންވެށި ހުޅުވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫ އަމާންވެށީގައި ހުރި ކުއްޖާ ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ ކަމަށެވެ. އަދި އެކުއްޖާ މިހާރު ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައިކަމަށްވެސް ދިއްދޫ ކައުންސިލުން ވިދާޅުވެފައެވެ.

ހއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ކަމަށެވެ. އަދި އެކުއްޖާ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުއްޓާކަމުން އެ ކުއްޖާއާއި ބައްދަލުވެފައިވަނީ ހަމައެކަނި އަމާވެސީގައި ތިބި ކުދިންނާއި އެކަނިކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އެމަރުކަޒުގައި ތިބި ކުދީން ކޯވިޑަށް ޓެސްޓް ކުރުމުގެ ކަންކަން ފަށާފައިވާކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ 15 ކުއްޖަކު ދިއްދޫގައި ހުޅުވި އަމާންވެއްޓަށް ބަދަލުކުރީ މިމަހުގެ 6 ވަނަދުވަހުއެވެ. މި ތަންނަށް ބަދަލުކޮށް ފައިވަނީ 3 އާއިލާއަކަށް ނިސްބަތްވާ ކުދިންތަކަކެވެ.

ދިއްދޫގައި ހުންނަ އަމާންވެށީގައި ހުރި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައި މިވަނީ އެ އަތޮޅުން މި ބަލީގެ ކްލަސްޓަރއެއް ފެނިފައިވަނިކޮށެވެ. މި ގޮތުން ބާރަށުން ފެނުނު ކްލަސްޓަރއިން މިހާތަނަށް 33 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މި ކްލަސްޓަރއާއި ގުޅުން ހުރި 70 ވުރެ ގިނަ މީހުން މިވަގުތުވެސް ތީބީ ކަރަންޓީނުގައެވެ. އެންމެފަހުން މިރަށުން ބަޔަކު މި ބައްޔަށް ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ ޕޮޒިޓިވްވި 2 މީހުންނަކީވެސް ކަރަންޓީނުގައި ތިބި މީހުންކަމަށްވެސް ބާރަށު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ބާރަށު ކޯވިޑް ކޭސްތަކެއް ފެނުނުމުން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ރަށުގެ ފިހާރަ، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތައް ވަނީ ބަންދުކޮށްފައެވެ. އަދި މި ތަންތަނުން ފޯރުކޮށްދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތްތައް އެކަނިކަމަށްވެސް ބާރަށު ކައުންސިލްވަނީ ވިދާޅުވެފައެވެ.