ދިވެހިންނަށް ވިސާ ނެތި މިވަގުތު ރަޝިޔާއަށް އެތެރެވެވޭނީ ރާއްޖެއިން އެޤައުމަށް ފުރާ ޑައިރެކްޓް ފްލައިޓްތަކުން ދަތުރުކުރާ މީހުންނަށް އެކަނިކަމަށް ފޮރިން މިނިސްޓްރީ ހާމަކޮށްފިއެވެ.
ވިސާއާއި ނުލާ ދިިވެހިނަށް ރަޝިޔާއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ 2019 ވަނަ އަހަރު ޖޫންމަހުގެ 25ވަނަދުވަހު ސޮއިކުރި ވިސާ އެގެރިމެންޓްގެ ދަށުންނެވެ. މި އެގްރިމެންޓަށް އަމަލުކުރަން ފަށާފައިވަނީ އޭގެ އެއް މަސްފަހުން ޖުލައިމަހުގެ 25 ވަނަދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ރަޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ ވިސާ ލިބޭނެއެވެ. އެހެންނަމަވެސް ވަޒީފާ އާދާކުރަން ދާ މީހުންނާއި ކިޔެވުމަށް ދާ މީހުންނާއި ދިރިއުޅުން ބަދަލުކުރުން ދާ މީހުންނަށް މި ވިސާއެއް ނުލިބޭނެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް ރަޝިޔާއިން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ދަތުރުފަތުރުކުރުމުގައި މިހާރު ބައެއް ބަދަލުތައް ގެނެސްފައިވާކަމަށެވެ. ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭ އުސޫލަށްވެސް ބައެއް ބަދަލުތައް މިވަގުތު އައިސްފައި ހުރިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިގޮތުން ރަޝިޔާއިން އޮން އެރައިވަލް ވިސާ ދިވެހިންނަށްވެސް ދޫކުރާނީ ރާއްޖެއިން ފުރައިގެން ސީދާ އެ ޤައުމަށްދާ ފްލައިޓަކުން ދަތުރުކުރާ މީހުންނަށް އެކަނިކަމަށެވެ. އެހެންކަމުން އެހެން ޤައުމެއްގައި ހުރެ ރަޝިޔާއަށް ދަތުރުކުރާ ދިވެހިން ވިސާ ހޯދަންޖެހޭނެތީީ އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.
މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްވެސް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.