ރާއްޖެއިން އިތުރު 124 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 161 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުދަދުވަހުގެ އިރުއޮއްސި 6:00އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 124 މީހުންނެވެ.
މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 100 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 13 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،268 އަށް އިތުރުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 161 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 18،695 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،502 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 157 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،059 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 56،5574 އަރާފައެވެ.