ޚަބަރު

ކޯވިޑް-19 : ގްރޭޑު 6އިން ދަށުގެ ކުދިން އަދިވެސް ކިޔަވާނީ އޮންލައިންކޮށް


ކުރިއަށް އޮތް ހަފްތާގައިވެސް މާލެ ސަރަޙައްދުގައި އެލްކޭޖީއިން ފެށިގެން ގުރޭޑު 6އާ ހަމައަށް އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމަވައިފިއެވެ. މިއީ ސްކޫލްތަކަށް ދަރިވަރުން ހާޒިރުނުވެ އޮންލައިންކޮށް ކިޔަވައިދނުމަށް އެޑިއުކޭޝަނުން ނިންމި 4ވަނަ ފަހަރެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މާލޭގެ ސްކޫލްތަކުގައި ގުރޭޑު 8އިން ފެށިގެން ދަށުގެ ގުރޭޑުތަކުގައި އޮންލައިންކޮށް ކިޔަވައިދޭތާ މިހާރުވަނީ 2 ހަފްތާވެފައެވެ. އޭގެ ކުރިން ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުން ފެށިގެން ގުރޭށު 6އިން ފެށިގެން ދަށުގެ ގުރޭޑުތަކަށްވެސް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.

ކޯވިޑް-19އަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ދަރިވަރުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދެވޭނެ ފުރުސަތު ފަހިކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން އަންނަނީކުރަމުންނެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ގުރޭށު 6 ކުން ފެށިގެން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަނުންވަނީ ނިންމާފައެވެ. އަދި ގުރޭޑު 7އިން ފެށިގެން ގުރޭޑު 12އާ ދެމެދުގެ ގުރޭޑުތަކަށް ކިޔަވައިދިނުމަށް ނިންމާފައިވަނީ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެންނެވެ.

ކޯވިޑް-19އާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލްތަކެއް ދަނީ ގެންނަވަމުންނެވެ. އެތައް ދަތިތަކާއެކުވެސް ދަރިވަރުންގެ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް މިނިސްޓްރީއާއި ގުޅިގެން ސްކޫލްތަކުން އަންނަނީ ކުރައްވަމުންނެވެ.

ކޯވިޑް ކޭސްތައް މަދުވުމުން ދަރިވަރުން ސްކޫލަށް ނެރި ކިޔަވާދޭން ފެށީ ޖެނުއަރީ މަހުގެ 10 ވަނަދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް މާލޭގައި ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުން ސްކޫލްތައް ހުޅުވިތާ މަހެއް ނުވަނީސް އަނެއްކާވެސް ބަންދުކުރި ގޮތަށް އަދިވެސް ހުރީ ބަންދުކޮށްފައެވެ. އެހެންނަމަވެސް މިހާރު ބައެއް ގުރޭޑުތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން އަންނަނީ ކިޔަވައިދެމުންނެވެ.